ޚަބަރު

ދުރާލާ ދިން އިންޒާރު - ކަނޑުމަތީގެ ހާދިސާތައް މަދު


  • މިމަހުގެ 9ވަނަ ދުވަހުން ފެށިގެން ރިޕޯޓްކުރީ 6 ހާދިސާ

  • ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް ނުހިނގާ

  • އިރުޝާދަކީ އެލާޓްގެ ވަގުތުގައި ކަނޑުމައްޗަށް ނުނިކުތުން

މޫސުމާ ގުޅޭގޮތުން ދުރާލާ ނެރުނު އިންޒާރުގެ ސަބަބުން، މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ޙާދިސާތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ.

މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއާއި ކަމާގުޅުންހުރި އިދާރާތަކުން އިންޒާރު ނެރެފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ވިއްސާރައާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ކޯސްޓްގަރޑް ޝިޕް ހުރަވީގެ އެގްޒެކެޓިވް އޮފިސަރ ކެޕްޓަން މުޙައްމަދު ހަބީބު ވިދާޅުވީ މިވީ 6 ދުވަހުގެތެރޭގައި ރިޕޯޓްކޮށްފައިވަނީ ކަނޑުމަތީގެ 6 ހާދިސާއެއްކަމަށެވެ. މީގެތެރޭގައިވެސް ފުރާނައަށް ގެއްލުންވާފަދަ ހާދިސާއެއް ނުހިމެނޭކަމަށް ކެޕްޓަން ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ އިންޖީނުގެ މައްސަލަޖެހި އުޅަނދު ހުއްޓުމާ، ސަފާރީގެ ޑިންގީ އޮޔާދިއުންފަދަ ހާދިސާތައްކަމަށެވެ. މި ހުރިހާ ކޭސްއެއްގައިވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވުނުކަމަށް ހަބީބް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މެޓުން ނެރުނު އިންޒާރަށް، ކަނޑު ދަތުރުކުރާ ފަރާތްތަކުން ވަރަށް ރަނގަޅަށް އިޖާބަދީފައިވާކަމަށެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަންތަކުން އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ތިބިކަމަށް ކެޕްޓަން މުޙައްމަދު ހަބީބް ވިދާޅުވިއެވެ.

"ސަފާރީއެއްގެ ޑިންގީއެއް އޮޔާދިއުން އަދި ޅ.އަތޮޅުން ދަތުރުކުރި އުޅަނދެއް އިންޖީނު ހުއްޓިގެން ރިޕޯޓްކުރި. އަޅުގަނޑުމެން ރާއްޖޭގެ 4 ސަރަޙައްދުގައި 4 ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން. ތައްޔާރީ ޙާލަތުގައި ތިބީ." ކޯސްޓްގަރޑް ޝިޕް ހުރަވީގެ އެގްޒެކެޓިވް އޮފިސަރ ކެޕްޓަން މުޙައްމަދު ހަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ އެންމެ މުހިންމު އިރުޝާދެއްގެ ގޮތުގައި ދެމުންދަނީ އެލަރޓްގެ ވަގުތުގައި އެއްވެސް ވަރަކަށް ކަނޑުމައްޗަށް ނުނިކުތުމަށްކަމަށެވެ. ޚާއްސަކޮށް ރޭގަނޑު ދަތުރު ނުކުރުމަށް ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮންމެހެން ކުރަންޖެހޭ ދަތުރަކަށް ނޫނީ ކަނޑުމައްޗަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވާއިރު، މިފަދަ ޙާލަތުގައިވެސް ލައިފް ޖެކެޓް، ޕަމްޕް ސިސްޓަމް އަދި އުޅަނދުގެ މުވާސަލާތީ އާލާތްތައް ރަނގަޅަށް ޗެކް ކުރުމަށް ވަނީ އެދިފައެވެ. އަދި ހާދިސާއެއް ހިނގުމުން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދޭއިރުވެސް، ދޯނީގެ ކެޕްޓަން ނުވަތަ ކޮންމެވެސް އެކަކު މުޢާމަލާތް ކުރަމުން ގެންދިއުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

"ބޯކޮށް ވާރޭ ވެހޭއިރު ވިސިބިލިޓީ ވަރަށް އެބަ ދަށްވޭ. އެއީ އުޅަނދު ކޮންޓްރޯނުވެ ހާދިސާ ހިނގާ އެންމެ ބޮޑު އެއް ސަބަބު. ވިޒިބިލިޓީ ދަށް ވަގުތު ބާރަށް އުޅަނދު ނުދުއްވާ. އެފަދަ ވަގުތުގައި ރައްކާތެރީ ކުރީކޮޅުގައި މީހަކު ބަހައްޓައިގެން ބަލަމުން، މަޑުން އުޅަނދު ދުއްވުން." ކޯސްޓްގަރޑް ޝިޕް ހުރަވީގެ އެގްޒެކެޓިވް އޮފިސަރ ކެޕްޓަން މުޙައްމަދު ހަބީބު ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވަނީ ދަތުރުކުރާއިރު، އެ ދަތުރެއްކުރާ މަންޒިލްގެ މޫސުމުގެ މަޢުލޫމާތުވެސް ރަނގަޅަށް ހޯދުމަށް އިރުޝާދު ދެއްވާފައެވެ.