ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުރިމަތިވާ ކަންކަން މޮނިޓަރކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ޓާސްކް ފޯސް އުފައްދަވާފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައެވެ.
ޓާސްކް ފޯހުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު، މި ޓާސްކްފޯސް ޗެއަރ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިދިޔަ 24 ގަޑިއިރަކީ މި ވޭތުވެދިޔަ 9 އަހަރުތެރޭގައި ރާއްޖެއަށް އެންމެ ބޯކޮށް ވާރެވެހުނުކަމަށް ރެކޯޑްކޮށްފައިވާ 24 ގަޑިއިރެވެ. މި ވިއްސާރައިގައި މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭވެހި، އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ. އަދި އެކަންކަމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުއައްސަސާތަކުންނާއި އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައްވެސް ދަނީ އަޅުއްވަމުންނެވެ.