ޚަބަރު

ކަރަންޓް ކެނޑުނު ސަރަހައްދުތަކުގައި ސްޓެލްކޯއިން ދަނީ ހަރަކާތްތެރިވަމުން: ފަހުމީ


  • ކަރަންޓު ކެނޑިއްޖެނަމަ ރިޕޯޓްކުރުމަށް ވަނީ އެދިފައި

  • ކަރަންޓު ލީކެއް އުޅެފާނެތީ ސަމާލުވުމަށްވެސް ވަނީ އެދިފައި

ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން މާލޭގެ ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވާތީ އެކަން ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓޭލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ކަރަންޓު ކެނޑިގެން ރިޕޯޓްކުރަމުންދަނީ ހެންވޭރުގެ ބައެއް ގެތަކުންކަމަށެވެ. އަދިި އެކަން ޙައްލުކުރުމަށް މިހާރު ސްޓެލްކޯގެ ސްޓާފުން އެ ސަރަޙައްދުތަކަށް ގޮސް، މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ވިއްސާރައިގެ ސަބަބުން ގެއަކުން ކަރަންޓު ކެނޑިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތް ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި އެ މަޢުލޫމާތު ސްޓެލްކޯއާ ޙިއްސާކޮށް، ކުންފުނީގެ ސްޓާފުންގެ އެހީތެރިކަން ހޯދުމަށް ފަހުމީ އެދިވަޑައިގެންނެވިއެވެ،

"މިހާރު ރިޕޯޓްކޮށްފައިވާ ގެތަކުގެ ޙާލަތު ބަލާ މައްސަލަ ޙައްލުކުރަން ސްޓާފުން ދަނީ އެޓެންޑްވަމުން. ކަރަންޓު ލީކެއްވެސް ހުރެފާނެ. އެހެންވީމަ އަމިއްލައަށް ކަރަންޓު ނުދީ، އަޅުގަނޑުމެންގެ ސްޓާފުންގެ އެހީ ހޯދުން ވަރަށް މުހިންމު." ސްޓްލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދަޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ސްޓެލްކޯގެ ޕަވަރ ހައުސް އިމާރާތްތަކަށްވެސް ފެން ވަދެފައިވާކަމަށެވެ. ނަމަވެސް ޚިދުމަތަށް ބުރޫއަރާފަދަ ގެއްލުމެއް ކުރިމަތި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މާލޭގެ ފެން ހިންދާ ކާނުތަކާއި ސްޓެލްކޯގެ ކޭބަލް ވިއުގަ އަޅާފައިވާ ޖަންކްޝަންތައް އޮންނަނީ ގުޅިފައިކަމަށެވެ. އެހެންކަމުން މާލޭގެ ހެންވޭރުކޮޅު ކާނުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށް، ސްޓެލްކޯގެ ޕަމްޕެއް ބަހައްޓައިގެންވެސް މަސައްކަތް ކުރަމުންދާކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެއިތުރުން ހެންވޭރުގެ ބައެއް ހިސާބުތަކުގެ ގެތަކަށް ފެން ވަންނަމުންދާތީ، ވެލިބަސްތާ ޖެހުމުގައިވެސް ދަނީ ސްޓެލްކޯއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.