ޚަބަރު

ބޭރުގެ އިންވެސްޓަރުންނަށް ރައްކާތެރިކަން ދިނުމާއެކު އިންވެސްޓްމަންޓް އިތުރުކުރުމަށް ބިލެއް


  • އިންވެސްޓްރުންގެ ޝައުގުވެރިކަން އުފައްދަން ޕްރޮމޯޓުކުރުމުގެ އުސޫލެއް ކަނޑައަޅަންޖެހޭ

  • ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅުއްވާނީ ވަޒީރު

ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓުތައް އިތުރު ކުރުމުގެ ބޭނުމުގައި "ފޮރިން އިންވެސްޓްމަންޓްގެ ބިލު" ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގެވެ. މި ބިލަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލާއި ބޭރުގެ އިންވެސްޓްމަންޓުތަކާ ގުޅޭ އެހެނިހެން އުސޫލޔުތައް ބަޔާންކުރުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ބިލެކެވެ.

ފޮރިން އިންވެސްޓްމަންޓްގެ ބިލުގެ ސަބަބުން ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓުތައް އިތުރުކޮށް، އެ އިންވެސްޓްމްނަޓުތައް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ކެޕިޓަލާއި ޓެކްނޮލޮޖީއާއި އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފެދިގެންދާނެއެވެ. މި ބިލުގައިވާގޮތުން ބޭރުގެ އިންވެސްޓްރުންގެ ޝައުގުވެރިކަން އުފައްދައި، ދެމެހެއްޓުމަށް އިންވެސްޓްމަންޓް ޕްރޮމޯޓުކުރުމުގެ އުސޫލެއް ކަނޑައަޅަންޖެހެއެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައަޅައި ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތަކާއި ބޭރުގެ އިންވެސްޓަރުންނަށް ލިބޭނެ ހިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތައްވެސް ކަނޑައަޅަންޖެހޭނެކަމަށްވެސް ބިލުގައިވެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން އުފައްދަން ޕްރޮމޯޓުކޮށް، ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭނީ އެއިރެއްގައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކުރާ ވުޒާރާއަކުންނެވެ. މިހާރު މި މަސައްކަތް ހަވާލުކޮށްފައިވަނީ އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއެވެ.

މި ބިލު ޤާނޫނަކަށްވުމުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ވަޒީރު ކަނޑައަޅުއްވައި އިއުލާން ކުރަންޖެހޭނެއެވެ. މި ދާއިރާތައް ކަނޑައެޅުއްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރާއި ސިނާއަތުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ސިނާއަތެއްގައި ނުވަތަ ދާއިރާއެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރަށާއި ދުރު ރާސްތާގައި އުފެއްދުންތެރިކަމަށް އެ ސިނާއަތަކުން ހިއްސާކުރާނެ މިންވަރަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

ރާއްޖޭގައި އިވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް ކޮންމެ 3 އަހަރަކުން އެއްފަހަރު މުރާޖައާކުރަންޖެހޭނެއެވެ.

މި ބިލުގެ ދަށުން ދިވެހި ކުންފުންޏެއްގެ ހިއްސާ ބޭރުގެ ފަރާތަކަށް ބަދަލުކުރާނަމަ އިންވެސްޓްކުރުމުގެ ހުއްދަ ހޯދަންޖެހޭނެއެވެ. މިގޮތަށް ހިއްސާ ބަދަލުކުރެވޭނީ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ކުންފުނިތަކަށް އެކަންޏެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކާއި އޭގެ ފައިސާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަދި ރައުސްމާލާއި ފައިދާ އަނބުރާ އެ އިންވެސްޓަރެއްގެ ޤައުމަށް ގެންދިއުމުގެ ޙައްގު ލިބެއެވެ. ނަމަވެސް ސިޔާދަތީ ބާރު ދެމެހެއްޓުމަށާއި ދިފާޢީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ތިމާވެށި ހިމާތާތްކުރުމަށާއި އިންސާނީ ޙައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ފޮރިން އިންވެސްޓްމަންޓަކަށް ނުވަތަ އެއާ ގުޅޭ ޙައްޤަކަށް ހަނިކަމެއް ގެނެވިދާނެކަމަށް ބިލުގައިވެއެވެ.

ފޮރިން އިންވެސްޓްމަންޓުގެ ޤާނޫނު ވުޖޫދުވެގެން އައުމުން އެ ޤާނޫނާ ޚިލާފުވާ ފަރާތްތައް އިންވެސްޓްމަންޓުގެ 30 އިންސައްތައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލައިސަންސް ހޯދުމަށް ސައްޙަ ނޫން މައުލޫމާތު ހުށަހަޅައިފިނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ޤާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާއެކު މިހާރު އަމަލުކުރަމުންދާ "ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުއުވޭނެއެވެ. އަދި އެ ޤާނޫނުގެ ދަށުން ލައިސަންސް ދީފައިވާ އިންވެސްޓްމަންޓުތައް އައު ޤާނޫނުގެ ދަށަށް ބަދަލުވާނެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ދަށުން ހުއްދަ ދީފައިވާ ފޮރިން އިންވެސްޓްމަންޓުތައް މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރުމަށް 12 މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި ޤާނޫނާއެކު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު ފިޔަވައި ފޮރިން އިންވެސްޓްމަންޓާ ގުޅޭގޮތުން ހުންނަ ކަންކަމުގައި އިސްކަންދޭނީ ފޮރިން އިންވެސްޓްމަންޓުގެ ޤާނޫނަށް ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލާއެކު ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުތައްވެސް މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްތަކުގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭ ގޮތް ހެދުމަށް ވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް ގެންނަ އިސްލާހު ހުށަހަޅުއްވާފައެވެ.