ޚަބަރު

ފެންބޮޑުވެގެން 9 ރަށަކުން ރިޕޯޓްކޮށްފައިވޭ: އެންޑީއެމްއޭ


  • ވިއްސާރާގައި ރަށްތަކަށް ލިބެމުންދާ ގެއްލުން ކައިރިން ދަނީ ބަލަމުން

  • އެއްވެސް އާއިލާއެއް އެހެންތާކަށް އަދި ބަދަލު ކުރާކަށް ނުޖެހޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެގެން މިހާތަނަށް 9 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ވިއްސާރާގައި ގެއްލުން ލިބިގެންނާއި ވައިގަދަވެގެން އަދި ފެންބޮޑުވެގެން މިއަދުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް 9 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ރިޕޯޓްތައް ލިބިފައިވަނީ ސ.މަރަދު، ސ.ފޭދޫ،ސ.ހިތަދޫ، ގއ.ދެއްވަދޫ، ޅ.ނައިފަރު، ޅ.ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ.ބާރަށް، ހއ.ދިއްދޫއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު މޫސުމާއި ގުޅޭ އެލާޓް މެސެޖްތަކަށް ސަމާލުކަން ދެއްވާ، ކަނޑުދަތުރުފަތުރު ކުރާއިރު ސަމާލުވުމަށްވެސް ހިސާން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެން.ޑީ.އެމް.އޭއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުންދާ ކަމަށެވެ. އަދި 9 ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވީނަމަވެސް އެއްވެސް އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ފަދަ ހާލަތެއް ކުރިމަތިނުވާކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިރެޔާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.