ޚަބަރު

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރުނެރެފި


  • އޮރެންޖު އިންޒާރު ނެރެފައިވަނީ ހއ. އިން ށ. އަތޮޅަށް

  • އޮރެންޖު އިންޒާރު ނެރެފައިވަނީ 16:00 އިން 19:00 އަށް

  • އޮރެންޖު އިންޒާރަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެއް

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހއ. އިން ށ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ.

އޮރެންޖު އިންޒާރު ނެރެފައިވަނީ 16:00 އިން މިރޭ 19:00 އަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ހއ. އިން ށ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޮރެންޖު އިންޒާރަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ.

މީގެ އިތުރުން މިއަދުގެ 19:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މެލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރީނދޫ ސަމާލަކީ، ދިމާވެދާނެ ކަންކަމަށް ތައްޔާރުވުމަށް އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. އަދި އެއީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނަ އަށް އެންމެ މަތިން ނެރޭ އިންޒާރުގެ ސަމާލެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މުޅި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ވެސް މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލުގެ މުއްދަތު މިއަދު 15:00އަށް ވަނީ ހަމަވެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ގޯސްވެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިއްސާރަވާނެކަމަށް ލަފާކުރައްވާފައެވެ. މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.