ޚަބަރު

ރިސޯޓް ލީގު: ސެމީގެ ފަހު ދެ ޖާގަ އޮޅުވެއްޔާއި ވެލައްސަރަށް


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓު ލީގުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ސަން ސިޔާމް އޮޅުވެލި އާއި ވެލައްސަރު ހޯދައިފިއެވެ.

މުބާރާތުގެ ސެމީއަށް އޮޅުވެލި ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ސާއި ލެގޫންގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި ވެލައްސަރު ސެމީއަށް ދަތުރުކޮށްފައިވަނީ ކަނޑޫމާގެ މައްޗަށް 12-07 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވަލްްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ކްރޮސްރޯޑްސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮޅުވެލި އާއި ވެލައްސަރު އެވެ.

މުބާރާތުގެ ސެމީއަށް ކްރޮސްރޯޑްސް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި އޯޒެން ލައިފް މާދޫ ބަލިކޮށްގެންނެވެ. ކްރޮސްރޯޑްސް އިން މާދޫ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
ވޮލްޑޯފް އެސްޓޯރިއާ ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި ސޯ މޯލްޑިވްސް ބަލިކޮށްގެންނެވެ.

ވޮލްޑޯފް ކުއާޓާގެ ޖާގަ ހޯދީ ޕްލޭއޮފް ކާމިޔާބު ކުރުމަށްފަހު އެވެ. ގުރޫޕު ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު، 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސޯ މޯލްޑިވްސް އެވެ. ވޮލްޑޯފް އިން ވަނީ ބަދަލުހިފާ ކުއާޓާ ގައި 3-2 ގެ ނަތީޖާއަކުން ސޯ މޯލްޑިވްސް ބަލިކޮށްފަ އެވެ.