ޚަބަރު

ސްކޭޓް މޯލްޑިވްސް ރޯލަރސްޕޯޓް އޯޕަން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި


ޖުމްލަ 85 ބައިވެރިންނާއެކު ސްކޭޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި "ސްކޭޓް މޯލްޑިވްސް ރޯލަރސްޕޯޓް އޯޕަން ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ.

މި މުބާރާތް ކުރިއަށްދިޔައީ ތިން ސަރަހައްދެއްގައެވެ. އެގޮތުން ހުޅުމާލޭ ފޭސް ދޭއްގައި ކުރިއަށްދިޔައީ ސްޕްރިންޓުގެ ބައިތަކެވެ. ދިގު ދުވުންތައް ބާއްވާފައިވަނީ ފޭސް ތިނެއްގައެވެ. އަދި ހުރިހާ ޓްރެކް އިވެންޓެއް ބާއްވާފައިވަނީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.

މި މަހުގެ 8-10 އަށް ކުރިއަށްދިޔަ މި މުބާރާތަކީ ސްކޭޓިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަތޮޅުތެރެއިން ތިން ބައިވެރިއަކު ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ސްކޭޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އެގޮތުން ކ. ގުރައިދޫ ސްކޫލުން ތިން ދަރިވަރަކު މި މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.

ހަތް އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ އެންމެ ބާރު ފިރިހެން ސްކޭޓަރަކަށް ހޮވިފައިވަނީ ސްކޭޓް މޯލްޑިވްސްގެ އަހްމަދު ރާހިފް ޝަފީއު އެވެ. އަދި އެންމެ ބާރު އަންހެން ސްކޭޓަރަކީ މައުރޫފް ސްޕީޑު ސްކޭޓިން ކުލަބުގެ ސޯފިއާ އަބްދުﷲ އިބްރާހީމެވެ. މީގެ އިތުރުން 5-7 އަހަރާއި 7-9 އަހަރާއި 9-11 އަހަރު އަދި 11-13 އަހަރާއި 13-15 އަހަރާ ދެމެދުގެ ކެޓަގަރީތަކުން ވަނީ ވަނަ ހޮވާފައެވެ.

ސްކޭޓް މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި މިއަހަރު ބޭއްވި މި މުބާރާތުގހައި ޖުމްލަ 34 އިވެންޓެއް ވަނީ ބާއްވާފައެވެ. މުބާރާތުގެ ވަނަތަކަށް ހޮވުނު ދުއްވުންތެރިންނަށް އިނާމުދިނުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން މިރުޝާން ހަސަނެވެ.