ޚަބަރު

މާފަރު އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް


  • މި މަޝްރޫޢުގެ އަގަކީ 29.85 މިލިއަން ރުފިޔާ

ނ. މާފަރު އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ނ. މާފަރު އެއަރޕޯޓަކީ ޤައުމީ އެއަރލައިން ހިންގާ، އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން އޮޕަރޭޓްކުރާ އެއަރޕޯޓެކެވެ.

މާފަރު އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުالله ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް ވެއަރިން ކޯސްއެއް އެޅުމާއި 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނޭނެކަމަށް އެމްޓީސީސީން ބުންޏެވެ. މީގެއިތުރުން އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

29.85 މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 180 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

1250 މީހުންގެ އާބާދީއެއް އޮންނަ މާފަރުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަންނަނީ އެއަރޕޯޓްގައި ވަޒީފާ އަދާކުރަމުންނެވެ. މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވެގެންދާނެއެވެ. އަދި މި މަޝްރޫޢު ނިމުމުން މި އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެން ދާނެކަމަށްވެސް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ހަމައެހެންމެ ޕްރައިވެޓް ޖެޓްތައް ޕާރކް ކުރާނެ އިތުރު ޖާގަ ލިބުމާއެކު ޕްރައިވެޓް ޖެޓްތައް މާފަރު އެއަރޕޯޓްގައި ޖައްސާ ޢަދަދުވެސް ގިނަވެގެން ދާނެއެވެ. މިއާއެކު ފަތުރުވެރިން މި ސަރަހައްދަށް އަންނަ އަދަދު އިތުރުވެ، އެއަރޕޯޓަށް ޖެޓް ޕާކިންއިން ލިބޭ އާމްދަނީވެސް ބޮޑުވެގެންދާނެއެވެ. މިއީ ނ.އަތޮޅާއި އަދި މާފަރުގެ އިޤްތިސާދީ ތަރައްޤީއަށް ކުރިއެރުންތަކެއް އަންނާނެ މަޝްރޫޢުއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.