ޚަބަރު

ފުރަތަމަ ހިއުމެނިޓޭރިއަން ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ


ދުނިޔޭގެ ފެންވަރުގައި ބާއްވާ ފުރަތަމަ "ހިއުމެނިޓޭރިއަން ސަމިޓް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި މިއަދު ފެށި މިސަމިޓުގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގައި އިސްވެރިޔަކީ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ.

ޤައުމުތަކުގެ އިސްވެރިންނާއި، ކަމާ ގުޅުން ހުރި ޒިންމާދާރުވެރިންނާއި، އިންސާނިއްޔަތައް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން މަންދޫބުން ބައިވެރިވާ މި ސަމިޓުގައި، މާދަމާ ބަންޑާރަ ނާއިބު ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ ތަޤްރީރުގައި އިންސާނީ އެހީފޯރުކޮށްދެއްވުމުގެ ދާއިރާއިން ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އެކަންކަން ތަންފީޒް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަޔާން ކުރައްވާނެއެވެ.

ހަމަ އެހެންމެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ޤާނޫންތަކުން ރާއްޖެއަށް ކުރުމަށް ލާޒިމްކުރާ ކަންކަން ތަންފީޒް ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ބަޔާން ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް މިސަމިޓުގެ ހަވާސާގައި ކުރިޔަށްދާ ތަފާތި އެކި ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ޕެނެލް ޑިސްކަޝަންތަނުގައި ދިވެހި ވަފްދުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް، ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.