ޚަބަރު

އެކަޑަމީ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ދިވެހި ބަހުގެ އެކަޑަމީން ދެއްވާ އެކަޑަމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައްވައިފިއެވެ. 

''އެކަޑަމީ އިނާމު'' ދިނުމުގެ މަޤްސަދަކީ ދިވެހިބަހާ އަދަބިއްޔާތާއި ތާރީޚަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި ކުރަމުންގެންދާ ފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ވަޒަންކޮށް، މުޖުތަމަޢުގައި ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދޭ އަހުމިއްޔަތު އިތުރުކޮށް ދިވެހިބަހާ ތާރީޚާމެދު ލޯތްބާއި ޝައުޤުވެރިކަން އުފެއްދުމެވެ. 

ދިވެހިބަހުގެ އެކަޑަމީން ވިދާޅުވީ، އެކަޑަމީ އިނާމުގެ ގޮތުގައި ކަނޑައަޅާ ދާއިރާތަކުން ކޮންމެ ދާއިރާއަކުން ގިިނަވެގެން 20 އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަޑަމީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ދިވެހިބަހުގެ ދާއިރާ، ދިވެހި އަދަބިއްޔާތުގެ ދާއިރާ، ޅެންވެރިކަމުގެ ރޮނގު، ލިޔުންތެރިކަމުގެ ރޮނގު އަދި ދިވެހި ތާރީޚުގެ ދާއިރާ ހިމެނެއެވެ. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚުގެ ދާއިރާއިން އިނާމު ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ދާއިރާގައި ދެމިހުރި މިންވަރާއި، ދާއިރާގައި ޚިދުމަތްކޮށްފައިވާ މުއްދަތާއި، ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކަމިޔާބީއާއި، ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކާއި، ދާއިރާއިން މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ކޮށްފައިވާ މަސައްކަތްތަކާއި، ދާއިރާ ތަރައްޤީކުރުމަށް ކޮށްފައިވާ މަސައްކަތްތަށް ހިމެނެއެވެ. 

އެކަޑަމީ އިނާމަށް އެދި ވަކިވަކި ފަރުދުންގެ ގޮތުގައާއި ޖަމްޢިއްޔާ އަދި މުޖުތަމައުތަކުގެ ނަމުގައާއި، ޖަމްއިއްޔާ ޖަމާއަތް އަދި އަމިއްލަ ފަރުދަކަށް ވެސް އެހެން ފަރާތެއްގެ ނަން ހުށަހެޅިދާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވައެވެ. އެކަޑަމީ އިނާމަށް ނަން ހުށަހެޅުމަށްޓަކައި، ''އެކަޑަމީ އިނާމަށް ނަން ހުށަހަޅާ ފޯމް '' ފުރިހަމަކުރުމަށްފަހު އަންނަ ޖޫން މަހުގެ ބާވީހުގެ ކުރިން ދިވެހި ބަހުގެ އެކަޑަމީއަށް ހުށަހަޅަންޖެހެއެވެ. އިނާމާބެހޭ މަޢުލޫމާތު ދިވެހި ބަހުގެ އެކަޑަމީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވައެވެ.