ޚަބަރު

ބްރެންޓްފަޑުން ކަވާލިއޯ ގަތުމަށް ލިވަޕޫލް އާއެކު އެއްބަސްވުމަށް


ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު، ފަބިއޯ ކަވާލިއޯ ގަތުމަށް ބްރެންޓްފަޑުން އެ ކްލަބާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މީޑިއާ ހަބަރުތައް ބުނާގޮތުން، ބޯނަހާއެކު މި ޑީލުގެ އަގު ގާތްގަނޑަކަށް 27.5 މިލިއަން ޕައުންޑް (32 މިލިއަން ޔޫރޯ) އަށް އަރާނެ އެވެ. އަދި، މި އެއްބަސްވުމުގެ ތެރެއިން ބްރެންޓްފޯޑުން، ކަވާލިއޯ، 21، އެހެން ކުލަބަކަށް ވިއްކާލައިފިނަމަ، އޭގެ 17.5 އިންސައްތަ ލިވަޕޫލަށް ލިބޭނެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރީން، ފުލަމް އިން 5 މިލިއަން ޕައުންޑަށް ލިވަޕޫލުން ގެނައި ކަވާލިއޯ ވިއްކާލުމުން އޭގެ 20 އިންސައްތަ ފުލަމް އަށް ލިބޭނެ އެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން އެމެރިކާގައި ކުރިއަށްގެންދިޔަ ޓުއާގައި މޮޅު ކުޅުމެއްދެއްކި ކަވާލިއޯ ގަތުމަށް ސައުތެމްޓަނުން ވެސް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ކްލަބުން ހުށަހެޅި 15 މިލިއަން ޕައުންޑްގެ ބިޑް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފައެވެ.

ލިވަޕޫލުން ކަވާލިއޯ ވިއްކާލުމަށް ނިންމީ، ލުއިސް ޑިއާޒް އާއި ކޯޑީ ގަކްޕޯ ފަދަ ކުޅުންތެރިން އެނބުރި ޓީމާ ގުޅުމުން އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުޞަތު ނުލިބޭނެތިއެވެ. އޭނާ ނިމިދިޔަ ސީޒަނުގެ ފަހުބައިގައި ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން، ހަލް ސިޓީ އަށެވެ. އެގޮތުން، ޗެމްޕިއަންޝިޕްގައި އޭނާ ވަނީ 20 މެޗު ކުޅެ، ނުވަ ލަނޑުޖަހައިފައެވެ.

ކަވާލިއޯގެ ސޮއި ހޯދުމުގައި ބްރެންޓްފޯޑުން ކާމިޔާބު ހޯދައިފިނަމަ، އޭނާ ވެގެންދާނީ އައު ސީޒަނަށް އެ ޓީމާ ގުޅޭނެ ދެވަނަ ކުޅުންތެރިޔާ އަށެވެ. ކަވާލިއޯގެ އިތުރުން ނަޕޯލީ އަށް ކުޅެމުންއަންނަ ސްވިޑެންގެ މިޑްފީލްޑަރު، ޔެންސް ކަޖުސްޓޭ ލޯން އެއްބަސްވުމެއްގައި ބްރެންޓްފޯޑުން ގެނައުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

އައު ސީޒަނާ ބްރެންޓްފޯޑުން ކުރިމަތިލާއިރު، އެ ކްލަބުން ރެކޯޑް އަގެއް ކަމަށްވާ، 36.5 މިލިއަން ޔޫރޯ (39.6 މިލިއަން އެމެރިކާ ޑޮލަރު) އަށް ގެނައި، އިގޯ ތިއާގޯ އަށް އަނިޔާގެ ސަބަބުން ސީޒަންގެ ކުރީބައިގައި ނުކުޅެވޭނެއެވެ. އޭނާ އަށް އަނިޔާވީ ބްރެންޓްފޯޑްގެ ޕްރީ-ސީޒަން މެޗެއްގައި އޭއެފްސީ ވިމްބަލްޑަންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ބްރެންޓްފޯޑުން ލީގުގެ ފުރަތަމަ މެޗުގައި މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.