ވިޔަފާރި

އެސްޓީއޯއިން ވިއްކާ "މޯލްޑިވް ގޭސް" އަގުހެޔޮކުރަނީ


"މޯލްޑިވް ގޭސް" އިން ވިއްކާ ކައްކާ ގޭހުގެ އަގުހެޔޮ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

މިއަދު އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުން ވިއްކާ 10 ކިލޯގެ ގޭސް ފުޅީގެ އަގަށް އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެހެންނަމަވެސް ގޭހުގެ އަގު ހެޔޮވާނީ ކިތަށް ރުފިޔާއިން ކަމެއް އެސްޓީއޯއިން އަދި ހާމައެއް ނުކުރައްވައެވެ.

img:http://s2.psmnews.mv/images/660x400/14640147665760.jpg|އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

އެސްޓީއޯއިން ވަނީ މިދިޔަ އޭޕްރީލްމަހުވެސް މޯލްޑިވް ގޭސް އިން ވިއްކާ 10 ކިލޯގެ ގޭސްފުޅީގެ އަގުން 15 ރުފިޔާ އަގު ހެޔޮކޮށްފައެވެ. މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ މޯލްޑިވް ގޭސްގެ ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުމަށްޓަކައި ގދ. ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެތަނުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

މި ގޭސް ސްޓޯރޭޖް ފެސިލިޓީ ވެގެންދާނީ މާލެ އަތޮޅު ފިޔަވައި ރާއްޖޭގެ އެހެން ސަރަހަދެއްގައި ޤާއިމްކުރެވިގެންދާ މޯލްޑިވް ގޭހުގެ ފުރަތަމަ އެފަދަ ފެސިލިޓީއަށެވެ.