ޚަބަރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮންމެ ފަރުދެއްގެ ޒިންމާއެއް އެބައޮތް: ނައިބު ރައީސް


  • ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް

  • މިހާތަނަށް 100 ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވޭ

  • 3000 އަށްވުރެ ގިނަ ދަރިވަރުން ތަމްރީންކޮށްފައިވޭ

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ޓްރެފިކް މޮނިޓަރސް"ޕްރޮގްރާމްގެ 100ވަނަ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ސްކޫލް ދަރިވަރުން ޓްރެފިކަށް އަހުލުވެރިކޮށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް "ރައްކާ" ކެމްޕެއިންގެ ދަށުން 2014ވަނަ އަހަރު ފެށި ޕްރޮގްރާމެކެކެވެ. މީގެ 100 ވަނަ ޕްރޮގްރާމް ހިންގާފައި ވަނީ ފުވައްމުލަކުގައި ތަޢުލީމުދޭ 4 ސްކޫލަކަށް ޢަމާޒުކޮށްގެން އެ ސިޓީގައެވެ.

މި ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާނުގެ އިތުރުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލަކުގެ ސްކޫލްތަކުން، ޓްރެފިކް މޮނިޓަރސް ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާއި އެކަމުގައި އެހީތެރިވެދިން ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ކަމާގުޅުންހުރި އިދާރާތަކުން ފަށާފައިވާކަމަށެވެ. އަދި އެއާ ވިދިގެން އަންނަނީ ފަރުދީގޮތުން ރައްޔިތުން އަދާކުރަންޖެހޭ ޒިންމާއެއްކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤަވައިދުތަކަށް އަމަލުކޮށްފިނަމަ ވަރަށް އަމާން މުޖުތަމަޢުއެއް ޤާއިމުކުރެވޭނެކަމަށެވެ.

"އޯވަޓޭކް ނުކުރުމާ، ދުވާރުން ހިނގުމާ، ކަފިހި ހުރަހުން ހުރަސްކުރުމާ، ދުއްވާއިރު ސަމާލްކަން ދިނުމާ، މިއީ ފަރުދީގޮތުން ކުރެވޭނެ ކަންކަން. މަގުމަތީގެ ރައްކާތެރިކަމަށް މި ހިންގޭ ޕްރޮގްރާމްތަކުން ހެޔޮ ބަދަލެއް ނެރެވޭނެ." ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ހިންގަނީ ގްރޭޑް 6، 7، 8ގެ ދަރިވަރުންނަށް އަމާޒުކޮށްގެނެވެ. މި ޕްރޮގްރާމް ހިންގަނީ ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކުގައެވެ.

މިހާތަނަށް ހިންގި ޕްރޮގްރާންތަކުގައި 3000އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީންކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ފުލުހުންގެ ޚިދުމަތާ ތަޢުލީމީ ވިޒާރާ ގުޅިގެންނެވެ.