ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރާ ފަނޑިޔާރަކަށް ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު އިންތިޚާބު ވެވަޑައިގެންފިއެވެ.
ދަަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެމްބަރު އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިޚާބުގައި، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދާއެކު ޖުމްލަ 5 ފަނޑިޔާރުން ވާދަކުރެއްވިއެވެ.
ފަރުހާދުގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު، ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު އަދި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ މި އިންތިޚާބުގައި 166 ފަނޑިޔާރުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާކަމަށާއި، އަދި 163 ފަނޑިޔާރަކު ވޯޓް ދީފައިވާކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ނަތީޖާ ދައްކާ ގޮތުން 163 ވޯޓްގެ ތެރެއިން ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދަށް 91 ވޯޓު ލިބިވަޑައިގެންނެވިއެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ.
1. ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން (71 ވޯޓު)
2. ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު (0 ވޯޓު)
3. ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (91 ވޯޓު)
4. ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) 1 ވޯޓު
5. އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، ރަފީއުއްދީން އަހުމަދު (0 ވޯޓު)
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ މި އިންތިޚާބު ބޭއްވީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ‘ފަހިވޯޓް’ މެދުވެރިކޮށް ކަމަށެވެ. އަދި މިއީ ވަރޗުއަލްކޮށް މި އިންތިޚާބު ބޭއްވި ފުރަތަމަ ފަހަރުކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.
10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި، \ހައި ކޯޓުގެ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ކަނޑައަޅާ ބޭފުޅަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާ އައްުޔަންކުރާ މެމްބަރު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.