ޚަބަރު

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް އިންޑިއާގެ ޚާރިޖީ ވަޒީރު ބައްލަވާލައްވައިފި


  • ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށީ 2022ގެ މެދުތޭރޭގައި

  • މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެއް

  • ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެއް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރު ބައްލަވާލައްވައިފިއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތަކީ އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ބައްލަވާލެއްވުމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރުގެ ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު އަރިހުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ޑރ. ޖައިޝަންކަރު ވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ 42 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެފްކޮންސްއިން ވަނީ މައުލޫމާތު ދީފައެވެ.

ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެނެވެ.

މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026އަށްކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.