ޚަބަރު

ރިޔާސީ އިންތިޚާބުގެ ކުރިން އުތުރުގެ 3 އެއަރޕޯޓު ނިމޭނެ- ރައީސް


އުތުރުގެ 3 އަތޮޅުގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 3 އެއަރޕޯޓު، 2018 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ތިން ރަށަކީ ހއ. ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫއެވެ. 

ހޯރަފުށީ ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވީ، ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކުރިން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ޤާއިމްކުރާ އެއަރޕޯޓްތަކުގެ މަސައްކަތް ނިމި އެއަރޕޯޓުތަކަށް މަތިންދާބޯޓްތައް ޖައްސާނެކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14640110296557.jpg|އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ހދ. ކުޅުދުއްފުށި / ފޮޓޯ: ޕީއެސްއެމް

އުތުރުގައި ސަރުކާރުން ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ އެއަރޕޯޓްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ސަރުކާރުގެ ސަބަބުން ނޫންކަމަށާއި އެއަރޕޯޓް އަޅާނެ ބިމަކާމެދު ރަށު ކައުންސިލުން ޚިޔާލުތަފާތު ވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މިކަން ޙައްލުވެ މިމަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރިއަށްދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ވިޔަފާރީގެ ބޮޑު މަޝްރޫއު ކަމަށްވާ އައިހެވަން މަޝްރޫގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަން ހާމަ ކުރައްވާފައެވެ.   

img:http://s2.psmnews.mv/images/660x400/14640109738916.jpg|އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ހއ. ހޯރަފުށި / ފޮޓޯ: ގޫގުލް އާތް

ރައީސް ޔާމީން ވިދާޅުވީ ބިންހިއްކުން ފަދަ ބޮޑެތި މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ޙަވާލު ކުރައްވައިގެން ކުރިއަށް ގެންދެވުމުން އޭގެ ފައިދާ މާ ބޮޑުވާނެކަމަށެވެ. މިގޮތުން އެމްޓީސީސީއަށް ގަތް ޑްރެޖަރުން މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭތޯ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

4.2 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއާއި އެއްވަރުގެ ބޮޑު މަޝްރޫއުއެއް ފ. އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި އިޢުލާން ކުރެއްވިއެވެ.