ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގަތީ މިއަދު ހަވީރާއި މިރޭ އެ ސިޓީގައި އޮންނަ ރަސްމިއްޔާތުތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ފުވައްމުލަކަށް ވަޑައިގަތުމުން، އެރަށުން ނައިބު ރައީސްއަށް މަރުޚަބާ ދެންނެވީ އެ ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤްއެވެ. އަދި ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ މުވައްޒަފުން އަދި ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ ފުލުހުން ކުރިއަށްގެންދާ "ރައްކާ" ކެމްޕެއިންއަށް 10 އަހަރު ފުރުން ފާހަކުރުމަށް އެރަށުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން ޓްރެފިކް މޮނިޓަރސް ތަމްރީންކުރުމުގެ 100ވަނަ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް، ފުވައްމުލަކު ސްކޫލްގައި ބާއްވާ ރަސްމިއްޔާތުގައި މިއަދު ހަވީރު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދަތުރުފުޅުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ބައިވެރިވެވަޑައިގަންނަވައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙަމަދު ލަތީފް މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.