ޚަބަރު

ރޯދަމަހަށް އެންމެ ރަނގަޅަށް ތައްޔާރުވާ ރަށްރަށަށް އިނާމް ދެއްވަނީ


މިއަހަރުގެ ރަމަޟާން މަހަކީ، ދީނީ އަޅުކަމުގެ ޢީދެއްގެ ގޮތުގައި ފާހަގަކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މައިގަނޑު 10 ހަރަކާތެއް ރަމަޟާން މަހަށް ތައްޔާރުވުމަށާއި، ރަމަޟާން މަހުގައި ކުރިއަށް ގެންދެވުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވާފައިވެއެވެ. އެގޮތުން އަލަށް ހުޅުވާ 14 މިސްކިތްތެއްގެ މަސައްކަތާއި، މިސްކިތްތައް މަރާމާތުކުރުމާއި، ހަނދު ބެލުމުގެ ރަސްމިއްޔާތާއި، އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކުރައްވައިގެން ކުރިއަށްގެންދަވާ މާހެފުމުގެ ހަރަކާތްތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ބާއްވަމުންދާ އިޙްޔާ ފޯރަމް، ބައެއް ބަދަލުތަކާއެކު މިއަހަރުވެސް ކުރިއަށްގެންދަވާނެއެވެ. މަޣްރިބް ނަމާދުގެ ކުރިން ރާއްޖޭގެ ހުރިހާ ޓީވީތަކުން އެއްގަޑިއެއްގައި " ރޯދައިގެ އަލީގެ " ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް އިންތިޒާމް ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއާއި، ޕަބްލިކް ސަރވިސް މީޑިޔާއިން މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. 

މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގައި ރަށު ފެންވަރުގައި ކުރިއަށްގެންދެވޭ ހަރަކާތްތަކުގެ ތެރެއިން، އެންމެ ރަގަޅަށް މަސައްކަތްކުރާ ރަށްތައް ފާހަގަކުރައްވާ، އެއްވަނަ އަށް ހޮވޭ ރަށަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ދެއްވުމަށް، ހިމަނުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި މިސްކިތްތައް މަރާމާތު ކުރުމާއި، ހަނދުބެލުމާއި، މާހެފުންފަދަ ކަންތައްތަކަށް ބެލުން ފަދަ ކަންތައް ހިމެނެއެވެ. 

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ވިދާޅުވީ، ރަމަޟާންމަހާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއަރ ކުރުމުގެ ހަރަކާތެއްވެސް މިއަހަރު އިންތިޒާމް ކުރައްވާފައިވާ ކަމަށެވެ. 

" ހޭޝްޓެގް ރޯދަ 37 " މި ހޭޝްޓެގުގައި ފޮޓޯތައް ޝެއަރ ކުރުމުން އެ ފޮޓޯތައް އިސްލާމިކް މިނިސްޓްރީންވެސް ޝެއަރ ކުރާނަން " މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. 

މިއަހަރުގެ ރަމަޟާން މަހަށް ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ޚަތިމު ކުރާގޮތަށް، ޙިފްޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް 86 ރަށަކުން އެދިފައިވުމާއެކު އެރަށްތަކަށް ބޭނުންވާ ޙާފިޡުން ހޯދުމަށްވެސް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން، ރޯދަ ވޯކްޝޮޕްގެ ނަމުގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތަކެއްވެސް އިންތިޒާމް ކުރައްވާފައިވެއެވެ. 

" މިއަހަރަކީ އިސްލާމިކް މިނިސްޓްރީން އަލަށް ޙާފިޡުން ގެންނަ އަހަރެއް. މީގެ ކުރިން ބައެއް ޖަމިއްޔާތަކާއި، ކައުންސިލްތަކުން ގެނެސްފައިހުރީ. ނަމަވެސް މިއަހަރު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން މި ބައި ކުރިއަށް މިދަނީ. ދެން ރޯދަ ވޯކްޝޮޕް ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީގަ. މި މަހުގެ 28 ވަނަ ދުވަހު ފެށޭނެ. 25 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވިވެވޭނެ. ޖުމްލަ 200 ފަރާތަކަށް ރޯދަ ވޯކްޝޮޕުން ޖާގަ ދިނުމަށް ހަމަޖެހިފައިވޭ " ޒިޔާދު ފާހަގަކުރެއްވިއެވެ. 

މާލޭގެ އެކި ހިސާބުތަކުގައި ޓެންޓް ޖަހައިގެން، ކޮންމެ ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު ދީނީ ދަރުސްތަކާއި، ދީނީ ސުވާލާއި ޖަވާބު ދެއްވުމުގެ ޙަރަކާތްތަކެއްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިންތިޒާމް ކުރައްވާފައެވެ. އަދި މާރުކޭޓާއި، ރަސްފަންނާއި، އިޖުތިމާޢީ ބައެއް ސަރަޙައްދުތަކުގައި ޤުރުއާނާއި، ސިޔަރަތު އަޑު އެހޭނެ އިންތިޒާމް ހަމަޖެއްސެވުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.