ޚަބަރު

ޝުޖާޢު އުޘްމާން ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކުރައްވައިފި


ހައިކޯޓުގެ ދެކުނު ގޮފީގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ ފަނޑިޔާރު ޝުޖާޢު އުޘްމާން ބަދަލުކުރައްވައިފިއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމަށް ޝުޖާޢު އުޘްމާން ބަދަލުކުރައްވާފައި މިވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމުގައި ހުންނެވި ޑރ އަޒްމިރަލްދާ ޒާހިރު އެމަގާމުން އިސްތިއުފާދެއްވުމުންނެވެ.

ސުޕްރީމްކޯޓުން މިއަދު ނެރުއްވި ގަރާރުގައި ބަޔާންކުރައްވާފައިވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމަށް ޝުޖާޢު އުޘްމާން ބަދަލުކުރެއްވުމަށް ނިންމެވީ ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުންކަމަށެވެ. އަދި އެމަގާމަށް އޭނާ ބަދަލުކުރައްވާފައި ވަނީ މިއަދު ފެށިގެން ކަމަށްވެސް ސުޕްރީމްކޯޓްގެ ގަރާރުގައިވެއެވެ. ކްރިމިނަލްކޯޓްގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި ޝުޖާޢު އުޘްމާން ހައިކޯޓުގެ ފަނޑިޔާރުކަމަށް ބަދަލުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 8 ވަނަދުވަހުއެވެ. 

ހައިކޯޓްގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމުގައި ހުންނެވި އަޒްމިރަލްދާ އެމަޤާމަށް އިސްތިއުފާދެއްވާފައިވަނީ މިމަހުގެ ބާރަވަނަ ދުވަހުއެވެ. ހައިކޯޓުގެ ދެކުނު ގޮއްޕެއް ގާއިމްކުރައްވާފައިވަނީ ކޯޓްތަކުގެ ގާނޫނަށް ދެހާސް ސާދަވަނަ އަހަރު ގެނެވުނު އިސްލާހުގެ ދަށުންނެވެ.