ޚަބަރު

ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ގެ ވަނަތަކަށް ދިޔަ އެތުލީޓުންނަށް އިނާމުދީފި


ރާއްޖޭގައި ބޭއްވި ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގެ ތިން ޑިވިޝަނުގެ ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް އިނާމުދީފިއެވެ.

އެގޮތުން ހުކުރު ދުވަހުގެ ހަވީރު ބޭއްވި ހާއްސަ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަނީ މެންސް ޑިވިޝަން، ވިމެންސް ޑިވިޝަން އަދި ޖޫނިއާ ޑިވިޝަނުގެ އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ އެތުލީޓުންނަށް އިނާމުދީފައެވެ.

މުބާރާތުގެ މެންސް އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދުނިޔޭގެ އެއްވަނަ ރޭންކްގައި އޮތް އަރްމިޑޭ ސޮލިވެރެސް އެވެ. ދެވަނަ ހޮދާފައިވަނީ ރެކޯޑު ޗެމްޕިއަން ހަވާއީގެ ޑޭވް ހަބާޑެވެ. އަދި ފޯރިގަދަ މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ބްރެޒިލްގެ ގެބްރިއެލް ބްރާގާ އަދި ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓަސް އެވެ.

މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖަޕާނުގެ ނަމީކާ ޔަމަޝީތާ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި އެގައުމުގެ ލެޖެންޑަރީ ބޮޑީބޯޑަރު މިދިޔަ އަހަރުގެ އަންހެން ދުނިޔޭގެ ޗެމްޕިއަން ސާރީ އޮހާރާ ބަލިކޮށްގެންނެވެ. މިފަހަރު ސާރީ އޮހާރާއަށް ލިބުނީ ދެވަނަ އެވެ. ތިންވަނަ ހޯދާފައިވަނީ ބްރެޒިލްގެ ނޭމާރާ ކާވާލިއޯ އާއި ސްޕެއިންގެ ކެނެރީ އައިލެންޑްސްއަށް ނިސްބަތްވާ ޓެރޭސާ މިރާންޑާ އެވެ.

މީގެއިތުރުން މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޮސްޓްރޭލިއާގެ ޖޭ ޓެއިލާ އެވެ. އޭނާގެ ފަހަތުން ޖޫނިއާ ކެޓަގަރީގެ ދެވަނަ ހޯދާފައިވަނީ މިއަހަރު ޖޫނިއާ ވޯލްޑް ޗެމްޕިއަންކަމަށް ވާދަކުރަމުންދާ ރޭންކިން ދެވަނައިގައި އޮތް ޗިލީގެ މިކޭލޭ އަރައިގަދާއެވެ. ތިންވަނަ ލިބުނީ ސްޕެއިންގެ އީތަން ޕެރޭޒް އާއި ފްރާންސްގެ މިލާ ލޮރެން އެވެ.
ޖުމްލަ 3000 ޕޮއިންޓާއެކު މެންސް ޑިވިޝަނަށް ވަނީ 30،000 ޑޮލަރު ހުށައަޅާފައެވެ. އަދި 1500 ޕޮއިންޓާއެކު ވިމެންސް ޑިވިޝަނަށް 20000 އެމެރިކާ ޑޮލަރު ހުށައަޅާފައިވާއިރު ޖޫނިއާ ޑިވިޝަނަށް ވަނީ 2000 ޕޮއިންޓާއެކު 10،000 އެމެރިކާ ޑޮލަރު ހުށައަޅާފައެވެ.

ވަނަވަނައަށް ދިޔަ އެތުލީޓުންނަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސެއިން މުޙައްމަދު ލަތީފް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ.

މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި 14 ގައުމަކުން 86 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.