ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓު ލީގުގެ ސައުތު މާލޭ ޒޯނުގެ ޕްލޭ އޮފް ބުރުގެ މެޗު ކާމިޔާބުކޮށް އޮޅުވެލި އާއި ވެލައްސަރު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ޕްލޭ އޮފް ބުރުގެ މެޗު އޮޅުވެލި ކާމިޔާބުކޮށްފައިވަނީ ކޯމޯ ކޮކޯ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮޅުވެލީގެ އާދަމް މަމްދޫން އެވެ.
މީގެ އިތުރުން މުބާރާތުގެ ކުއާޓާއަށް ވެލައްސަރު ދަތުރުކުރީ ބޮލިފުށި އާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެލައްސަރުގެ މުހައްމަދު ތަހުސީން އެވެ.
މި މެޗުތަކާއެކު މި ޒޯނުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން މާދަމާ ކުޅޭ ކުއާޓާ ފައިނަލުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްރޮސްރޯޑްސް އާއި މާދޫ އެވެ.ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްއޯ މޯލްޑިވްސް އާއި ވެލްޑޯފް އެސްޓޯރިއާ އެވެ.
ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ސާއީ ލެގޫން އާއި އޮލުވެލި އެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ކަނޑޫމާ އާއި ވެލައްސަރު އެވެ.