ޚަބަރު

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި


  • މި ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙާބާ ވިދާޅުވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ މިދަތުރުފުޅަކީ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިމަހުގެ 11ގެ ނިއަލަށް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ ޚާރިޖީ ވުޒާރާއަށް ވަޑައިގެން ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމާއި، އެކި ދާއިރާތަކުން ގާބިލިއްޔަތުކަން އިތުރުކުރުމަށް ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.