ޚަބަރު

މިޞްރުގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


މިިޞްރުގެ އިޖިޕްޓް އެއަރ، އެމް.އެސް 804 މަތިންދާބޯޓު ވެއްޓުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް ސީސީއަށް، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި މިޞްރުގެ ރައީސަށާއި ސަރުކާރަށާއި މިޞްރުގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މި ޙާދިޘާގައި މަރުވި ‏‏އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށާއި، މި ޙާދިޘާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ކާމިޔާބު ވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިމަހުގެ 19 ވަނަ ދުވަހު ވެއްޓުނު އީޖިޕްޓް އެއަރ މަތިންދާ ބޯޓުގައި 60 ފަސިންޖަރުންނާ ފަޅުވެރިން ދަތުރު ކުރަމުން ދިޔައެވެ.