އެފްސީ ޕޯޓޯ އަށް ކުޅެމުންއައި ޕޯޗުގަލްގެ ގައުމީ ޓީމުގެ ޑިފެންޑަރު، ޕެޕޭ، 41، ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ.
ޕެޕޭ ކުޅުން ހުއްޓާލިކަން އިޢްލާންކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ.
ޕެޕޭގެ ޕޯސްޓްގައިވަނީ، ފުޓްބޯޅައިގައި އެހީތެރިވީ ހުރިހާ ކްލަބެއްގެ މުވައްޒަފުންނަށާއި، އޭނާގެ ފަހަތުގައި ތިބި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި، އޭނާ އަށް އިތުބާރުކޮށް، ކްލަބުތަކުން ދިން ލޯތްބަށް އެ ޓީމުތަކުގެ ރައީސުންނަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.
ޕެޕޭ ރިޓަޔާކުރުމާ ގުޅިގެން، އެކްސްގައި ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާ އަށް ތައުރީފުކޮށްފައެވެ. އެގޮތުން، ޕެޕޭގެ މުހިއްމުކަން ބަޔާންކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދަނޑުމަތީގައި ކާމިޔާބުކުރެވެން އޮތް ހުރިހާ އެއްޗެއް ދެ މީހުން އެކުގައި ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި، އެ ހުރިހާ ކަމަކަށް ވުރެ އެންމެ މުހިއްމު، ބޮޑު ކާމިޔާބީއަކީ ޕެޕޭ އަށް އޮތް ލޯތްބާއި އިހުތިރާމުކަމަށް ވެސް ރޮނާލްޑޯގެ ޕޯސްޓްގައިވެއެވެ. ނިންމާލަމުން ރޮނާލްޑޯ ވަނީ، ޕެޕޭ އަކީ ތަފާތު މީހެއް ކަމަށާއި، ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.
ކްލަބް ކެރިއަރުގައި ޕެޕޭ ވަނީ، 2007 އިން 2017 އަށް މެޑްރިޑަށް ކުޅުނުއިރު، އެ ޓީމާއެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.
ޕޯޗުގަލްގެ މަރިޓީމޯ އާއި ތުރުކީގެ ބެސިކްޓާސް އަށް ކުޅެފައިވާ ޕެޕޭ އެންމެ ފަހުން ކުޅުނީ ޕޯޓޯ އަށެވެ. ރެއާލަށް ބަދަލުވުމުގެ ކުރީން، އޭނާ ކުޅެމުންއައި ޕޯޓޯ އަށް ދެވަނަ ފަހަރަށް ބަދަލުވީ 2019 ގައެވެ.
ޕެޕޭގެ ކެރިއަރުގައި ޕޯޗުގަލް އާއެކު ހޯދާފައިވާ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލްގައި ފްރާންސް ބަލިކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ. ޕެޕޭ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 141 މެޗު ކުޅެފައެވެ. ޕެޕޭ އަށް ވުރެ ގިނައިން ގައުމީ ޓީމަށް މެޗު ކުޅެފައިވަނީ، ރޮނާލްޑޯ (211) އާއި ޔާއޯ މޮޓީނިއޯ (146) އެވެ.
ޕެޕޭގެ ޕްރޮފެޝަނަލް ކެރިއަރުގެ އެންމެ ފަހު މެޗަކީ މިދިޔަ ޖުލައި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން ޕޯޗުގަލް ބަލިވި މެޗެވެ. އެ މެޗަށްފަހު ޕެޕޭ ވަރަށް ރުޔެވެ.