ސައުދީ ޢަރަބިއްޔާގެ ކްލަބަކުން ލިބުނު ހުށަހެޅުމަށް ފުރަގަސްދިނުމަށްފަހު ޓޮޓްނަމް ހޮޓްސްޕާގައި މަޑުކުރަން ނިންމާފައިވާ ކަމަށް ބްރެޒިލްގެ ފޯވާޑް، ރިޗާލިސަން ބުނެފިއެވެ.
ރިޗާލިސަން، 27، ޓޮޓެންހަމް އާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ނިޔަލަށް އޮތްއިރު، ސައުދީ އަރަބިއްޔާގެ އެތައް ކުލަބަކުން އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި ނަން ހާމަނުކުރާ އެއް ކުލަބަކުން ބިޑެއްވެސް ހުށަހަޅާފައިވެއެވެ.
ނަމަވެސް، ރިޗާލިސަން ބުނެފައިވަނީ، ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދައި، ކުޅުމުގެ ފުރުޞަތު ބޮޑުކުރުމުގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަން ބޭނުންވާ ކަމަށެވެ.
"ސައުދީ އިން ހުށަހެޅުމެއް ލިބިފައިވަނީ. އެކަމަކު އެއަށްވުރެ ބޮޑަށް ބޭނުންވަނީ ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދުމަށާއި، ޕްރިމިއާ ލީގުގައި ކުޅުމަށް." އީއެސްޕީއެން ބްރެޒިލަށް ދިން އިންޓަވިއުގައި ރިޗާލިސަން ބުންޏެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރީން، 2022 ގައި އެވަޓަނުން ޓޮޓެންހަމް އަށް ރިޗާލިސަން ބަދަލުވީ އެ ކުލަބުގެ ރެކޯޑު ފީއެއް ކަމަށްވާ، 60 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 66 މެޗުގައި 15 ލަނޑު ޖަހައިފައެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން ގެނައުމަށް މަސައްކަތްކުރަނީ ބޯންމައުތުގެ އިނގިރޭސި ފޯވާޑް، ޑޮމިނިކް ސޮލާންކޭ އެވެ. ކުރީން ލިވަޕޫލަށް ކުޅެފައިވާ ސޮލާންކޭ ވަނީ ފާއިތުވި ސީޒަނުގައި ބޯންމައުތަށް 42 މެޗުގައި 21 ލަނޑުޖަހައިފައެވެ.
ބޯންމައުތު އާއެކު ސޮލާންކޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ބާކީ ތިން އަހަރު އެބައޮތެވެ. އަދި އެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށްޓަކައި 65 މިލިއަން ޕައުންޑްގެ ރިލީޒް ކްލޯޒްއެއް ދައްކަންޖެހެއެވެ. އެހެންނަމަވެސް، ޓޮޓެންހަމުން އެ އަގު ދޭން އެއްބަހެއްނުވެއެވެ.