ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރަށް މަރުޙަބާ ވިދާޅުވެއްޖެ


ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރެއްގެ ގޮތުގައި ޑރ. މުޙައްމަދު ޔޫނުސް ޢައްޔަން ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަނށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު ޔޫނުސް އަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. ޔޫނުސަށް މަރުޙަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝަކީ ދިވެހިރާއްޖޭގެ ޒަމާންވީ ގާތް ރަޙުމަތްތެރިއެއް ކަން ފާހަގަކުރައްވައި މުޙައްމަދު ޔޫނުސްގެ މުޝީރު ކަމުގެ ދަށުގައި ބަންގްލަދޭޝާއި އެ ޤައުމުގެ ރައްޔިތުންނަށް ސުލްޙައާއި ފާގަތިކަން ލިބުމަށް ދިވެހިރާއްޖެއިން އަބަދުމެ އެދޭ ކަމުގައި ވިދާޅުވެފައެވެ.

ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކުގެ ބައިވެރިންގެ އެދުމުގެ މަތިން, އެ ޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރެއްގެ ގޮތުގައި ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް ޢައްޔަން ކޮށްފައިވާއިރު، ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކުރައްވައި ވަޑައިގެންނެވުމުންނެވެ. ޙަސީނާ އިސްތިޢުފާ ދެއްވީ, އޭނާގެ ސަރުކާރާ ދެކޮޅަށް ޖުލައި މަހުން ފެށިގެން ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ.