ޚަބަރު

އޮނިގަނޑަށް ގެނައި ބަދަލާއެއްގޮތަށް މަރުކަޒީ ބޭންކަށް 5 އެމްޑީން ހޯދަން ޢިއުލާންކޮށްފި


  • މަދުވެގެން 5 އަހަރުގެ ތަޖުރިބާ ފިނޭންސް ނުވަތަ ވިޔަފާރީގެ ދާއިރާއިން

  • އަދި ހިންގުމުގެ ތަޖުރިބާ މަދުވެގެން 3 އަހަރު ދުވަހުގެ ހުންނަންޖެހޭ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އޮނިގަނޑަށް ގެނައި ބަދަލާއެއްގޮތަށް އެބޭންކަށް 5 މެނޭޖިންގ ޑިރެކްޓަރުން ހޯދަން ޢިއުލާންކޮށްފިއެވެ.

މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ހެޔޮ ނަތިޖާތަކެއް ނެރެވޭޏެކަމަށް އެބޭންކުންވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެނައި ބަދަލާއެކު އޮތޯރިޓީގެ ބައެއް މަޤާމުތަކަށްވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އެސިސްޓެންޓް ގަވަރުނަރުގެ މަޤާމުވަނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކޮށްފައެވެ. އަދި މިހާރު އޮތޯރިޓީގައި ތިއްބެވި އެސިސްޓެންޓް ގަވަރުނަރުންގެ މަޤާމުވަނީ އެޑްވައިޒަރުންގެ މަޤާމަށް ޕްރޮމޯޓުކޮށްފައެވެ.
މިބަދަލާއެކު އެމްއެމްއޭއިން މިހާރުވަނީ 5 މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް ޢިއުލާންކޮށްފައެވެ.

މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް ޢިއުލާންކުރި ދާއިރާތައް

މަނިޓަރީ ޕޮލިސީ
ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
ފައިނޭންޝަލް ސްޓެބިލިޓީ
ބޭންކިންގ އޮޕަރޭޝަންސް
ކޯޕޮރޭޓް ސަރވިސް
ފައިނެންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް

އެމްއެމްއޭއިން ކުރި ޢިއުލާނުގައި ވިދާޅުވީ މިމަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެމްއެމްއޭގައި ނުވަތަ ފައިނެންސް ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންޖެހޭނެކަމަށެވެ. އަދި ފައިނޭންސިންގ ނުވަތަ ވިޔަފާރީގެ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ހުރި ފަރާތަކަށް ވާންޖެހޭނެކަމަށެވެ. މީގެ އިތުރުން ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެކަމަށްވެސް މިޢިއުލާނުގައިވަނި ފާހަގަކޮށްފައެވެ.

އެމްޑީންގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ކުރިންނެވެ.

އެމްއެމްއޭއިން ބުނީ މިއީ 5 އަހަރު ދުވަހު މުއްދަތަކަށް ޢައްޔަންކުރާ މަގާމުތަކެއްކަމަށާއި މަސައްކަތުގެ ހަރުދަނާކަމާއި އުފެއްދުންތެރިކަމަށް ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެކަމަށެވެ. އެމްއެމްއޭގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރަށް ޢާއްމުކޮށްވެސް މިމަޤާމުތަކަށް ކުރިމަތިލެވޭނެއެވެ.

އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް މިގެނެވުނު ބަދަލާއެކު އެއޮތޯރިޓީގައި ތިބި ޤާބިލް ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. ހަމައެއާއެކު ފަންނީ ޤާބިލު މީހުންނަށް އެމްއެމްއޭއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެބޭންކުން ބުނެއެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމުގެ މަޤާމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ޢައްޔަންކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. އެމްއެމްއޭއަށް އަލަށް ގެނެވުނު ބަދަލުތަކަކީ ބެންކުގެ ހިންގުން އިތުރަށް ވަރުގަދަކޮށް ރާއްޖޭގެ އިޤްތިޞާދު އާރާސްތުކުރުމަށް ބޭންކްގެ ބޯޑުގެ މަޝްވަރާތަކާއެކު ގެނެވުނު ބަދަލުތަކެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.