ދުނިޔެ

ސޫރިޔާއާއި ޔަމަންގައި އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނު


ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ ސޫރިޔާއާއި ޔަމަންފަދަ ޤައުމުތަކުގައި އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނަށް އެއްވެސް ވަރަކަށް އިޙްތިރާމް ކުރަމުން ނުދާކަމަށް އދ.ން ބުނެފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ޔާން އެލިޔަސަން ވިދާޅުވީ ޔަމަނާއި ސޫރިޔާގައި ހިނގާ ހަނގުރާމަތަކުގައި ހޮސްޕިޓަލްތަކާއި ސްކޫލްތަކާ އަދި އާންމުންގެ ގެދޮރަށް ޙަމަލާދީ އެތަންތަން ޙިސާރުކޮށް އާންމުން މެރުން އާންމު ވެފައިވާކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ ގާނޫނަށް ގޮންޖެހުން ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަނގުރާމަތަކުގައި އާންމުންނަށް ޙަމަލާދިނުމާއި ހޮސްޕިޓަލްތައް ޙިސާރުކުރުމަކީ މެދުތެރޭ ޤަރުނުތަކުގެ ދުވަސްވަރުގެ ކަމެއްކަމަށާއި އެއީ މިޒަމާނުގައި ކުރަން ލަދުގަންނަން ޖެހޭފަދަ ހުތުރު ޢަމަލުތަކެއްގެ ގޮތުގައި އެލިޔަސަން ސިފަކުރެއްވިއެވެ.

އޭނާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ އިސްތަންބޫލްގައި އދ. ން ކުރިޔަށްގެންދާ އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ފެށުމުގެ އިފްތިތާހީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި މަހާސިންތާގައި އދ. ގެ އިތުރުން އިންސާނީ އެހީގެ ދާއިރާތަކުގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކާ އަދި އެޖަމްއިއްޔާތަކަށް އެހީތެރިވާ ބައެއް ވިޔަފާރިވެރިންވެސް ބައިވެރިވެއެވެ.