ޚަބަރު

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ


  • މި ދަތުރުފުޅަކީ މި މަހުގެ 11ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެއް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރު މާދަމާއިން ފެށިގެން މިމަހުގެ 11އަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމާއި، އެކި ދާއިރާތަކުން ގާބިލިއްޔަތުކަން އިތުރުކުރުމަށް ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވިއެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަންކަރު ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.