ޚަބަރު

ފަޅުރަށް ހޯދަން 4 ކައުންސިލަކުން ޝައުޤުވެރިކަން ފާޅުކޮށްފި


  • ފަޅު ރަށްތައް 25 އަހަރަށް ދޫކުރާނެ

އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، އެކަމަށް އެދި މިހާތަނަށް ހަތަރު ރަށަކުން ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިއެވެ. އެ ޕްރޮޕޯސަލްތައް ކައުންސިލްތަކުން ހުށަހެޅިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ރަށްރަށަށް އާމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިއަހަރުގެ މާރޗް މަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ރަށަކީ އަދި އެ ރަށެއްގައި ދިރުއުޅޭ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒުކަމަށެވެ. އެގޮތުން ކޮންމެ ރަށަކުން އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ފަޅުރަށް ހަމަޖައްސައިދިނުމަކީ މީގެ ދަށުން ކުރުމަށް ނިންމާފައިވާ އެންމެ ބޮޑު މަސައްކަތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް މިހާރު ނިންމަވާފައިވާކަމަށެވެ. އަދި އިޚްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ފަޅު ރަށްތައް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ރ. އިނގުރައިދޫ، ދ. ކުޑަހުވަދޫ، ލ. މާވަށު ކައުންސިލްގެ އިތުރުން މ. އަތޮޅު ކައުންސިލުން ކަމަށެވެ.

ވަޒީރު ވިދާޅުވީ ޓެކްނިކަލް މަސައްކަތް ކުރުމަށްފަހު، ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށެވެ.

"25 އަހަރަށް ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭނެ ގޮތްވުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ އިތުރުން ރަށްރަށަށް ދިމާވެފައި ހުރި ވަރަށް ގިނަ އިޖުތިމާއީ މައްސަލަތަކާ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތު ފަހިކޮށްދިނުމަށް، ސިނާއީ މަސައްކަތްތައް ކުރުމަށް ކޮންމެހެން ބޭނުން ކަމެއް، އެކަމުގެ ބޭނުން ހުރިހާ ކައުންސިލްތަކުން ވެސް ރަނގަޅަށް ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަން" ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމުގެ ގޮތުން ކުރަންޖެހޭ ގިނަ ކަންކަން މިހާރުވެސް ސަރުކާރުން އަންނަނީ ވަރަށް ހަލުވިކަމާއެކު ކުރައްވަމުންނެވެ. އެގޮތުން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ ގޮތުގެ ގަވައިދު މިހާރު ވަނީ ސިޓީތަކާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައެވެ. އަދި އިޚްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައިއެވެ. އަދި މިގޮތަށް ދޫކުރުމަށް މިހާތަނަށް 25 ރަށުގެ ލިސްޓެއް ސަރުކާރުން ވަނީ ގެޒެޓުކޮށްފައެވެ.

ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް ކައުންސިލްތަކަށް ދޫކުރުމަށް ކުރީ ސަރުކާރުތަކުން ނިންމިނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ފަޅުރަށެއް ނޯވެއެވެ.