ޚަބަރު

ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކުރަމުންދިޔަ ކަބޯތަކެތީގެ ބާވަތްތަކުގެ ތަފްޞީލު ހާމަކޮށްފި


  • ބިދޭސީން ޤަވާއިދާ ޚިލަފަށް ހިންގަމުންދިޔަ ވިޔަފާރިއެއް ރެއިޑުކޮށް އަންގާރަ ދުވަހުވަނީ ހިފަހައްޓާފައި

  • ޢާއްމު ގިނަ ފިހާރާތަކުގައި ވިއްކާ ގިނަ ބާވަތްތަކެއް މިރެއިޑުގައިވަނީ ފެނިފައި

ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ބިދޭސީން، ތައްޔާރުކޮށް ވިއްކަމުންދިޔަ ކަބޯތަކެތީގެ ބާވަތްތަކުގެ ތަފްޞީލު މޯލްޑިވްސް އިމިގްރޭޝަނުން ޢާއްމުކޮށްފިއެވެ. އިމިގްރޭޝަނުންވަނީ މިމައްސަލައިގައި އަންގާރަ ދުވަހު 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަންގާރަ ދުވަހު އިމިގްރޭޝަން ވޮޗްއަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން ކުރިއަށްގެންދިޔަ ރެއިޑުގައި ގިނަ ޢަދަދަކަށް ޢާއްމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާކަމަށެވެ. އަދި ޢާއްމުންގެ ގިނަބަޔަކު މިގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކާބޯތަކެތީގެ ތަފްޞީލު ހާމަކުރުމަށް އެދެމުންދިޔުމާއި ގުޅިގެން އެތަފްސީލު އިމިގްރޭޝަނުންވަނީ ޢާއްމުކޮށްފައެވެ. އިމިގްރޭޝަނުން ޢާއްމުކޮށްފައިވާ ފޮޓޯތަކުގައި ތެލުލި ފަތާއި، ހަނާކުރި ފޯއް، ކުދި ގުޅަ، ހެލެބެނލި ހުތް އަދި އަތުޖެހި ފަދަ ބާވަތްތަކުގެ ފޮޓޯވަނީ ޢާއްމުކޮށްފައެވެ.

އިމިގްރޭޝަނުން ޢާއްމުކޮށްފައިވާ ފޮޓޯތަކުގައި ފެންނަނީ މާލޭގެ ފިހާރަތަކުގައި ގިނަ ޢަދަދަކަށް ވިއްކަން ހުންނަ އެކި ބަވަތްތައްކަން ފާހަގަކޮށްލެވެއެވެ. މިބާވަތްތައް ތައްޔާރުކުރަމުންދިޔައީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންނަށްވާއިރު، މިބާވަތްތައް ތައްޔާރުކުރަމުންދިޔައީ ދިރިނޫޅެވޭވަރަށް ބާވެ ވީރާނާވެފައިވާ ގެއެއްގައިކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިމައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ 3 ބިދޭސީން ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ޤަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތްކުރާ ތަންތައް ރެއިޑްކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރަނގި އޮޕަރޭޝަނުގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ހަވާލުކޮށްގެން އަންނަނީ މަސައްކަތްކުރަމުންނެވެ. ހަމައެއާއެކު ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ކުރަމުންދާ މަސައްކަތް ހުއްޓުވާ ފިޔަވަޅު އެޅުމުގެ ސީރިއަސް އޮޕަރޭޝަނެއްވެސް އިމިގްރޭޝަނުން އަންނަނީ ކުރިއަށްގެންދަމުންނެވެ.