ޚަބަރު

ވަޒީފާއިން ދުރަށްދާންޖެހުނު މުވައްޒަފުން އަލުން ވަޒީފާއާ ގުޅުމަށް ހުޅުވާލައިފި


  • ވަޒީފާއަށް މީހުން ނަގާނީ ޚާއްސަ ދަފްތަރެއްގެ ތެރެއިން

  • ދަފްތަރު އެކުލަވާލާނީ މުއައްސަސާތައް ވަކިން

  • މި ވަޒީފާތަކަށް ނަގާނީ ވަގުތީ މުވައްޒަފުންގެ ގޮތުގައި

ޚިދުމަތުން ދުރަށް ދާންޖެހިފައިވާ ޚިދުމަތްތެރިނާއި ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުސޫލު އެކުލަވާލާ އެ ފުރުޞަތަށް ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށް އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޚާއްސަ ނިންމެވުމެކެވެ.

މި ފުރުޞަތުގެ ބޭނުމަކީ ފަންނީ ދާއިރާތަކަށް މީހުން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމާއި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހުރި ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިކަމުގެ އުސޫލު އާއްމުކޮށް ސިވިލް ސަރވިސް ކޮމިޝަނުން މިހާރު ވަނީ މި ފުރުޞަތަށް ހުޅުވާލާފައެވެ.

ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދޭނީ އެކަމަށް އެކުލަވާލާ ޚާއްސަ ދަފްތަރެއްގެތެރެއިންނެވެ. ދަފްތަރަށް މީހުން ނަގާނީ އެ އިދާރާތަކަށް ބޭނުންވާ ދާއިރާތަކުން ކޮންމެ އިދާރާއެއްވެސް ވަކިވަކިންނެވެ. އުސޫލު ހޯމަ ދުވަހު އާއްމުކޮށްފައިވާއިރު، ދަފްތަރު އެކުލަވާލުމަށް 1 އަހަރުގެ ދުވަހުގެ މުއްދަތެއް ސީއެސްސީން ވަނީ މުއައްސަސާތަކަށް ދީފައެވެ.

މިއުޞޫލުގެ ދަށުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވޭނީ، ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ ފަންނުތަކުގައި ވަޒީފާއަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކާއި ފުލްޓައިމްކޮށް މަސައްކަތް ކުރުމަށް އުޒުރުވެރިވާ މީހުންނަށެވެ. އަދި ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ބާވަތަށް ރިޢާޔަތްކުރާ އިރު، އެ މަސްއޫލިއްޔަތަކީ އޮފީސް މާހައުލާ ދުރުގައި ހުރެގެންވެސް ނަތީޖާ ނެރެވެނިވި މަސައްކަތްތަކެއް ކުރެވިދާނެ ވަޒީފާއަކަށްވީހިނދު، އެކިއެކި ސަބަބުތަކަށް ޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކަށެވެ.

ތިންވަނަ ފުރުޞަތެއްގެގޮތުގައި ސިވިލް ސަރވިސްގެ އިދާރީ މަގާމުތަކުގައި ވަޒީފާއަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ފަރާތްތަކަށްވެސް ފުރުޞަތު ލިބޭނެއެވެ.

މި ދަފުތަރުގައި ނުހިމެނޭ ދާއިރާތަކަކީ ފްރަންޓް އޮފީހުގެ ކައުންޓަރުގައި ޚިދުމަތްދޭ ވަޒީފާއާއި ހިންގުމުގެ އިސް ފަންތީގެ ވަޒީފާތަކެވެ.

ދަފްތަރުގައި ހިމެނޭ މީހުން ވަޒީފާއަށް ނަގާނެ ހާލަތްތައް:

* މުވައްޒަފަކު މަޔަކަށްވުމުން ލިބޭ ޗުއްޓީއަށް ދިއުން
* މުވައްޒަފަކު ދިގުމުއްދަތުގެ ޗުއްޓީއަކަށް ދިއުން
* މަޤާމަކަށް ދެ ފަހަރު އިޢުލާނުކޮށް މުވައްޒަފަކު ނުލިބުމުން، ދާއިމީ މުވައްޒަފެއް ހަމަޖެހެންދެން ވަޒީފާދިނުން
* ސީޒަނަލް މަސައްކަތް ކުރުމަށް މުވައްޒަފުން ހަމަޖެއްސުން

މި އުޞޫލުގެ ދަށުން ވަޒީފާއަށް އައްޔަންކުރެވޭނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ޝަރުތުތައް ފުރިހަމަވާ މީހުންނެވެ. އެ ގޮތުން ވަޒީފާއަށް އެދި ހުށަހަޅާ މީހާއަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން ހިމެނެއެވެ.

ދަފުތަރުގައި ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވާނީ ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާ އުޞޫލުތަކުގެ އޮނިގަނޑުގެ ދަށުންނެވެ.

ވަޒީފާ ދޭނީ ވޭޖް އެމްޕްލޯއިންމަންޓް އުސޫލުން، ވަގުތީ މުވައްޒަފެއްގެ ގޮތުގައެވެ. މިފަދަ މުވައްޒަފުން ދުވާލަކު މަދުވެގެން 4 ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެކަމަށް އުސޫލުގައިވެއެވެ. މުވައްޒަފުންގެ މުސާރާ ކަނޑައަޅާނީ "ދައުލަތުގެ ޕޭ ފްރޭމްވަރކް"ގެ މިންގަނޑަށެވެ.

މިކަމާ ގުޅޭ އުސޫލު ސިވިލް ސަވިސް ކޮމިޝަންގެ ވެބްސައިޓުގައި ފެންނަން ހުންނާނެއެވެ.