މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކަށްފަހު، އެމެރިކާ އާއި ބްރެޒިލުން ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމެރިކާ އިން ވަނީ އިތުރުވަގުތުގައި 1-0 އިން ޖަރުމަނު ބަލިކޮށްފައެވެ. ސްޕެއިން އަތުން ބްރެޒިލް މޮޅުވީ 2-4 އިންނެވެ.
މިއީ މިދިޔަ 12 އަހަރުގެ ތެރޭގައި އެމެރިކާ އިން އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގެ ފައިނަލްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ އެންމެ ފުރަތަމަ ބޭއްވި ފަސް އޮލިމްޕިކްސްގެ ތެރެއިން ހަތަރު ގޭމްސްގެ ރަން މެޑެލް ހާސިލްކޮށްފައެވެ. އެއީ، 1996، 2004 އާއި 2008 އަދި 2012 އެވެ.
ބްރެޒިލުން މިހާތަނަށް އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގެ ފައިނަލްގައި ކުޅުނު ދެ ފަހަރުވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ. އެ ދެ ފަހަރުގެ ފައިނަލްގައި ވެސް އެ ޓީމު ބަލިވީ އެމެރިކާ އަތުންނެވެ.
މާސޭގައި ހުންނަ ސްޓޭޑް އޮރެންޖް ވެލޮޑްރޯމްގައި ރޭ ސްޕެއިނާ ބްރެޒިލް ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ، ސްޕެއިނުގެ ސެންޓްރަލް ޑިފެންޑަރު، އައިރީނާ ޕަރެޑޭސް އަތުން 6 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ގަބީ ޕޯޓިލޯ ކާމިޔާބުކުރި ގޯލާއެކު ބްރެޒިލުން ވަނީ 2-0 ގެ ލީޑެއްނަގައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، އެންމެ ފަހުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ޗެމްޕިއަން، ސްޕެއިނުން ގެނައި ބަދަލުތަކާއެކު ރަނގަޅަށް ހަމައަކަށް ނޭޅި އުޅެނިކޮށް ބްރެޒިލުން ވަނީ ތިންވަނަ ލަނޑެއްޖަހައިފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އެޑްރިއާނާ ލީލް އެވެ.
މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ސްޕެއިންގެ ފުރަތަމަ ލަނޑުޖަހައިދިނީ ސަލްމާ ޕަރަލުއޭލޯ އެވެ. އޭގެފަހުން، މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ބްރެޒިލްގެ ހަތަރުވަނަ ލަނޑުޖަހައިދިނި ކެރޮލިން އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ 12 ވަނަ މިނެޓުގައި ސްޕެއިނުގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ބާސެލޯނާގެ ވިމެންސް ޓީމަށް ކުޅެމުން އަންނަ ޕަރަލުއޭލޯ އެވެ.
ބްރެޒިލުން ރޭގެ މެޗު ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން އަދި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ، މާރްތާއާ ނުލައެވެ. މާރްތާ އަށް ރޭގެ މެޗުގެ އިތުރުން، ކުއާޓާ ފައިނަލްގައި އެންމެ ފަހުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނީ ގްރޫޕް ސްޓޭޖުގައި ސްޕެއިން އަތުން 2-0 އިން ބަލިވި މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ދެ މެޗަށް ސަސްޕެންޑްކޮށްފައިވުމުންނެވެ. މިދިޔަ ދެ މެޗުގައި ނުކުޅެވުނުނަމަވެސް، އެމެރިކާއާ ދެކޮޅަށް ކުރިއަށް އޮތް ފައިނަލް މެޗުގައި މާރްތާ އަށް ކުޅެވޭނެ އެވެ.
ލިޔޯންގެ ގްރޫޕާމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެމެރިކާ އަށް ވަނީ ގްރޫޕް ސްޓޭޖުގައި 4-1 އިން ބަލިކުރި ޖަރުމަނާ ދެކޮޅަށް އެކަށީގެންވާ ފަދަ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެން ޖެހުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ތެރޭގައި އެމެރިކާ އަށް ލަނޑުޖަހައިދިނީ ސޯފިއާ ސްމިތު އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ މެލަރީ ސްވޭންސަން ދިން ޕާހެއްގެ އެހީގައެވެ.
މި ފަހަރުގެ ގޭމްސްގެ ފައިނަލް މެޗުގައި ހަތަރު ފަހަރު ރަން މެޑެލް ހާސިލްކޮށްފައިވާ އެމެރިކާއާ ބްރެޒިލް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ރާއްޖޭގަޑިން 8 ޖަހާއިރު އެވެ. އަދި އޭގެ އެއްދުވަސް ކުރީން، ބްރޯންޒް މެޑެލް މެޗުގައި ސްޕެއިނާ ޖަރުމަނު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.