މާލޭގައި ވެހިކަލް ރަޖިސްޓްރީކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައަޅަން، އެކަމުގެ ދިރާސާގެ މަސައްކަތް މިހަފްތާ ތެރޭ ބަޔަކާ ހަވާލުކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގެ ކެރީން ކެޕޭސިޓީ ނުވަތަ އެއްގަމު އުޅަނދު އެންމެ ގިނަ އަދަކަކަށް ދުއްވޭނެ މިންވަރު ދެނެގަތުމަށް އެސެސްމަންޓް ހަދާނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނުގެ މުއްދަތު ހަމަވީ ޖުލައި 18ވަނަ ދުވަހަށެވެ.
ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އެސެސްމަންޓް ހެދުމަށް ކުރިމަތިލީ އެންމެ ފަރާތަކުންކަމަށެވެ. އެހެންކަމުން އެފަރާތާއެކު މަޝްވަރާކޮށް، ދިރާސާގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާކަމަށެވެ. މިކަމުގެ އެއްބަސްވުމުގައި މިހަފްތާ ނިމުމުގެ ކުރިން ސޮއިކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެސެސްމަންޓަށް ހޭދަވާނެ މުއްދަތު އިނގޭނީ މަސައްކަތްތައް ފެށުމުންކަމަށެވެ.
މިއެސެސްމަންޓްގައި މާލޭގެ މަގުތަކާއި އެތަންތަނުގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ވެހިކަލް ޕާކު ކުރެވޭނޭ ޖާގަ ހުރި މިންވަރު ދެނެގަންނާނެއެވެ. މާލޭގައި ވެހިކަލް ގެންގުޅެ ދުއްވޭ އަދަދު ކަނޑައަޅާނީ މި އަދަދުތަކަށް ބިނާކޮށްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަގޮތުން ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެއެވެ.
އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް މިދިޔަ މާރޗްމަހުގައި ގެނައި އިސްލާޙްގައި ވަނީ ރަށްރަށާއި ސިޓީތައް ނުވަތަ ވަކި ސަރަޙައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ ކައުންސިލްތަކުން އެސެސްމަންޓެއް ހަދާ ވެހިކަލް ކެޕޭސިޓީ ދެނަގަތުމަށްފަހު ކަމަށެވެ.
މި ޤަވާއިދުގެ ދަށުން ވެހިކަލް ކެޕޭސިޓީ 4 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެއީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަދުތަކާއި، އަމިއްލަ އުޅަނދުތަކާއި، ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކުގެ އިތުރަށް ސިނާޢީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކެވެ. އަދި މި ކެޓަގަރީތައް ވަކި ސަބް-ކެޓަގަރީތަކަށް ބަހާލުމުގެ އިޚުތިޔާރު ކައުންސިލަތަކަށް ލިބެއެވެ.
މާލެ ސަރަޙައްދަކީ ރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދެވެ. މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ. ތޮއްޖެހުމުގެ މައްސަލަ ބޮޑުވެގެންދިޔައީ މާލެއަށް ނުކަތާވަރަށް ވެހިކަލް ރަޖިސްޓްރީކުރުމާއި ހަލާކުވުމުން ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާ ވެހިކަލްތަކުގެ އަދަދުތައް އިތުރުވުމުންނެވެ.
ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.