ޚަބަރު

މި ވެރިކަމުގައި ރާއްޖެއަށް އިންޤިލާބީ ތަރައްޤީއެއް އަންނާނެ: އަބްދުއްރަހީމް


  • ރައީސް ޑރ. މުއިއްޒުގެ ޒަމާއަތުގެ ތަރައްޤީ ދެގުނަ ކޮށްދެއްވާނެކަމަށް ވިދާޅުވި

  • ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ތަރައްޤީގެ ރޮނގުން ރާއްޖެއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ މީގެކުރީގެ ވެރިކަންތަކާއި މި ވެރިކަމުގައި ހުރި ތަފާތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިސާދީ ހާލަތު އޮތީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ހާލަތުން ރަނގަޅު ހާލަތަކަށް އިޤްތިޞާދު ގެންދިޔުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ޒަމާއަތުގެ ތަރައްޤީ ދެގުނަ ކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނު ދަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ކަމަށެވެ.

"ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްޤީއަށްވުރެ ޑަބަލް ތަރައްޤީ ރައީސް ޑރ. މުއިއްޒުގެ މި ވެރިކަމުގެ ގެނެސްދެއްވާނެ. އެތަފާތު ފެންނާނެ. އަދި ރައްޔިތުން ރައީސް ދެވަނަ ދައުރަކަށް ވެސް އިންތިޚާބު ކުރައްވާ މަންޒަރު އިރާދުކުރެއްވިއްޔާ ފެނިގެންދާނެ" އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ލީޑަރަކު ލީޑަރަކަށް ވަނީ ފަހަތުގައި އިހްލާސްތެރި ބަޔަކު ތިބިމުންކަަމަށާއި ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ދިފާޢު ކުރެއްވުމުގައި ސާބިތުވެ އެމަނިކުފާނު ހުންނަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ނުކުރާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާއިރު އެ މަސައްކަތްތައް ހިނގަނީ ރައްޔިތުންނާއި ރައީސް ބޭނުންފުޅުވާ ގޮތަށް ކަމަށެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ރައްޔިތުން ގެންނެވީ ބޮޑު ތާއީދާއެކުކަން ފާހަގަކުރައްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބީގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.