ޚަބަރު

ދިރިނޫޅެވޭވަރަށް ވީރާނާވެފައިވާ ގެއެއްގައި ބިދޭސީން ހިންގަމުންދިޔަ ވިޔަފާރިއެއް ހުއްޓުވައިފި


  • "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ވަނީ އޮޕަރޭޝަނެއް ފަށާފައި

  • އެގެއިން ވަނީ އާއްމުކޮށް ދިވެހިން ކާ ގިނަ ބާވަތްތަކެއްގެ ވިޔަފާރި ކުރާކަން އިނގިފައި

ލުއިކާނާގެ ގޮތުގައި ދިވެހިން އާއްމުކޮށް ގަނެއުޅޭ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ގަވައިދާ ޚިލާފަށް ތައްޔާރުކޮށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ދިރިއުޅޭ ތަނެއް އިމިގްރޭޝާނުން ރެއިޑްކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓާކާ ގުޅިގެންކަމަށެވެ. މި މީހުން ދިރިއުޅެ، ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނަކީ، ދިރިނޫޅެވޭވަރަށް ބާއުވެ ވީރާނާވެފައިވާ ގެއެވެ. އަދި ސާފުތާހިރުކަން ވަރަށް ކުޑަ ތަނެކެވެ.

މި މަޢުލޫމަތާ ގުޅިގެން މާލެ ސަރަޙައްދުން ގެއެއް ބަލާ ފާސްކޮށް، ގަވައިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ 3 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

މި ރެއިޑުގައި އާއްމު ފިހާރަތަކުން ގިނަ އަދަދަކަށް ގަނެއުޅޭ ކާބޯތަކެތީގެ ބާވަތްތައް ފެނިފައިވާތީ، އެކަން ކަމާގުޅުންހުރި އިދާރާތަކަށް އަންގާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. މި ބާވަތްތަކުގެ ތެރޭގައި ކުދި ގުޅައާއި ތެލުލިފަތް، ފޯއް އަދި ކިއްލި ފަދަ ދިވެހިން އާއްމުކޮށް ގަނެއުޅޭ ބާވަތްތައް ހިމެނެއެވެ. މި މީހުން އެތަކެތި ޕެކުކޮށް ލޭބަލްޖަހާ ވިޔަފާރީގެ ކަންކަންވެސް ކުރަމުންދަނީ އެ ގޭގައެވެ.


ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސިންނާއި އެމީހުން ކުރަމުންދާ ވިޔަފާރިތައް ބަލާ، އެފަދަ މިހުންނާ މެދު ފިޔަވަޅު އެޅުމުގެ ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށައިގެން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލޭގެ މާރުކޭޓުތަކުގެ ގޮޅިތަކުގައި ބިދޭސީން ތިބެ، އެމީހުންގެ ނަންނަމުގައި ހިންގަމުންދިޔަ ތަންތަން ވަނީ ބަންދުކޮށްފައެވެ.

މީގެއިތުރުން ހުއްދަ ނެތި ޤަވައިދާ ޚިލާފަށް ކައްކާ ކާބޯތަކެތީގެ ވިޔަފާރިކުރަމުންދާ ތަންތަންވެސް ދަނީ ހުއްޓުވަމުންނެވެ. މިގޮތަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދިޔަ ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ވަނީ އަނބުރާ ޤައުމަށްވެސް ފޮނުވާލާފައެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، ބިދޭސީންގެ ސައްޙަ މަޢުލޫމާތު ހިމެނޭ ޑޭޓާ ބޭސްއެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މި މަޢުލޫމާތު ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި އެއްކުރެވޭނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.