ޚަބަރު

އޮލިމްޕިކްސް: އަލްކަރާޒް ބަލިކޮށް، ޖޮކޮވިޗްގެ ކެރިއަރުގެ 'ގޯލްޑެން ސްލޭމް' ފުރިހަމަކޮށްފި


މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޓެނިހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ.

މިއާއެކު، ޖޮކޮވިޗް، 37، މިވަނީ ޓެނިހުގެ 'ގޯލްޑެން ސްލޭމް' ފުރިހަމަކޮށްފައެވެ. ޖޮކޮވިޗް ވަނީ، ޓެނިހުގެ ގްރޭންޑް ސްލޭމް ހަތަރު މުބާރާތާއި، އޮލިމްޕިކްސްގެ ރަން މެޑެލް ހާސިލްކޮށްފައިވާ ފަސްވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ލިސްޓުގައި ދެން ހިމެނެނީ؛ ސްޕެއިނުގެ ރަފައެލް ނަޑާލް، އެމެރިކާ އަންދްރޭ އަގާސީ އާއި ސެރީނާ ވިލިއަމްސް އަދި ސްޓެފީ ގްރާފް އެވެ.

ޕެރިހުގެ ރޯލަން ގަރޮސްގެ ކޯޓް ފިލިޕް ޝެޓްރިއާގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޖޮކޮވިޗް ވަނީ ސީދާ ދެ ސެޓުން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ، ޓައި-ބްރޭކެއްގައި 7-6 (7-3)، 7-6 (7-2) އިންނެވެ.

އޮލިމްޕިކްސްގައި މީގެކުރީން، ޖޮކޮވިޗް ވަނީ 2008 ވަނަ އަހަރުގެ ގޭމްސްގައި ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ. އެގޮތުން، ޖޮކޮވިޗަށް ވަނީ ސިންގަލްސް ސެމީގައި ތިން ފަހަރު ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

މެޗަށްފަހު ޖޮކޮވިޗް ބުނީ، އޭނާ އަށް މެޗުން މޮޅުވެވުނީ އެންމެ ރަނގަޅު ކުޅުން ދައްކައިގެން ކަމަށެވެ. އަދި، އޮލިމްޕިކްސްގެ ރަން މެޑެލް ހާސިލްކުރުމަށްޓަކައި ހިތާއި، ފުރާނަ އާއި ހުރިހާ އެއްޗެއް ދިން ކަމަށް ވެސް ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް ވަނީ، އެ ކާމިޔާބީ ހާއްސަކުރަނީ އޭނާގެ ގައުމު، ސާބިއާ އަށް ކަމަށް ވެސް ބުނެފައެވެ.

އިއްޔެގެ މެޗުން ހޯދީ މޮޅާއެކު ޖޮކޮވިޗް މިވަނީ، އެންމެ ފަހުގެ ވިމްބަލްޑަން ފައިނަލްގައި އަލްކަރާޒް އަތުން ބަލިވި ބަލިވުމަށް ރަނގަޅު ބަދަލުހިފުމެއް ހިފާފައެވެ. މި ފަހަރުގެ ގޭމްސްގައި ޖޮކޮވިޗް ރަން މެޑެލް ހާސިލްކުރީ، އެންމެ ސެޓެއް ވެސް ގެއްލުވާނުލައެވެ. މިއީ އޮލިމްޕިކްސްގެ ރެކޯޑެކެވެ.