ޚަބަރު

ދަނާލުތައް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ


  • ދަނާލު ތަރައްޤީކުރަނީ ރ. ދުވާފަރު، ހުޅުދުއްފާރު، ގއ. ވިލިނގިލީ، ފުވައްމުލަކުގައި

  • މިމަސައްކަތް އިފްތިތާހް ކުރީ މިއަހަރުގެ ފެބްރުއަރީ މަހު

ރާއްޖޭގެ 4 ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ ދަނާލުތައް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ތެރޭގައި ފަށާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު އިމާރާތް ކުރުމުގެ މަސައްކަތް އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ދަނާލުތައް ތަރައްޤީކުރުމަށް ފައިސާ ބޭނުންވާނެތީ އެމަސައްކަތް ކުރެވެން އޮތީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެންކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ފާސްވުމާއެކު ދަނާލު އެޅުމަށް ނިންމާފައިވާ ރަށްރަށުގައި އެކަމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.

ޝަފީޢު ވިދާޅުވީ ދަނާލު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން ފުވައްމުލަކު ސިޓީގައި މިހާރުވެސް ޤައުމީ ޔުނިވަރސިޓީން ދަނާލް ތަރައްޤީކުރަމުން އަންނަކަމަށެވެ. އެހެންކަމުން އެސިޓީގައި އިތުރު ދަނާލެއް އަޅާނީ އެދަނާލުގެ ކަންކަމަށް ބެލުމަށްފަހުގައިކަމަށެވެ.

"މިވަގުތަށް ފުވައްމުލަކު ސިޓީގައި އިތުރު ދަނާލެއް އެޅުމަށް މާ ބޮޑު އިސްކަމެއް ނުދެން. މިހާރު ދަނާލު އަޅަން ނިންމާފައިވާ ރަށްތަކުގެ އިތުރަށްވެސް އިތުރު ރަށެއްގައި ދަނާލު އަޅަންޖެހޭނަމަ ކުދިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖެހޭނެ."މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައި ވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލަކު ސިޓީގައެވެ. ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުޞަތު ފަހިކޮށްދެވޭނެކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ. އަދި، އަގު ހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުޞަތު އެރަށްރަށުން ލިބޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.