ޚަބަރު

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުޤީޤު ފަށައިފި


  • މައުމޫނުގެ މައްޗަށް 7 ދަޢުވާއެއް އެބައޮތް

  • ރިޝްވަތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގިކަމަށް ތުހުމަތުކޮށްފައިވޭ

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫންއާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ވަނީ މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫންގެ މަނީ ލޯންޑަރިންގެ މައްސަލަ ތަހުޤީޤު ކުރަން ފެށިކަން ކަށަވަރުކޮށްދެއްވާފައެވެ.

އެކުންފުނީގެ އެމްޑީއަކަށް މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހްޤީޤުތަކުން ހާމަވެއެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ ޢާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަން ތަހުގީގުތަކަށް ފާހަގަވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން ވަނީ އެދިފައެވެ. އަދި އެ ދައުވާތައް ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ވެސް ހުށަހެޅިއެވެ.

އަބްދުﷲ މަޢުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާކޮށްދިނުމަށް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ރިޝްވަތު ހިފުމުގެ މައްސަލައިގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫނަށް ދައުވާކުރި މައްސަލައިގެ އެޑުއެހުމެއް ޖޫން މަހު ތާވަލްކުރުމަށްފަހު، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.