ޚަބަރު

އޮލިމްޕިކްސް: ޓެނިހުގެ އަންހެނުންގެ ސިންގަލްސް ރަން މެޑެލް ޗައިނާގެ ޒެންގް އަށް


ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޓެނިހުގެ އަންހެނުންގެ ސިންގަލްސް ޗެމްޕިއަންކަން، ޗައިނާގެ ޒެންގް ކިންވެން ހޯދައިފިއެވެ.

މިއީ ޒެންގް، 21، ގެ ކެރިއަރުގެ ފުރަތަމަ އޮލިމްޕިކްސް ރަން މެޑެއްޔެވެ. އަދި ޗައިނާއިން ޓެނިހުގެ ސިންގަލްސް އިވެންޓްގެ ފުރަތަމަ ރަން މެޑެއްޔެވެ.

ޒެންގް ވަނީ ރޯލަން ގަރޮސްގެ ކޯޓް ފިލިޕް ޝެޓްރިއާގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކްރޮއޭޝިއާގެ ޑޮނާ ވެކިޗް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޒެންގް ކާމިޔާބުކުރީ 6-2، 6-3 އިންނެވެ.

އެންމެ ފަހުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ބަލިވި، ޒެންގް ވަނީ ފުރަތަމަ ސެޓު ފެށިގެން 3-0 ގެ ލީޑެއްނަގައިފައެވެ. މިއާއެކު، ހީކުރިވަރަށް ވުރެ ފަސޭހަކަމާއެކު ޒެންގް ވަނީ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓާ ހިލާފަށް، ދެވަނަ ސެޓު ތަންކޮޅެއް ވާދަވެރިކޮށް ދިޔަނަމަވެސް އަށްވަނަ ގޭމުގައި ބްރޭކްކޮށް، މެޗު ކާމިޔާބުކުރިއެވެ.

ވެކިޗް، 28، މި ފަހަރުގެ އޮލިމްޕިކްސްގެ ޓެނިހުގެ އަންހެނުންގެ ސިންގަލްސް ރަން މެޑެލް މެޗުން ބަލިވިއިރު މީގެ މަހެއްހާ ދުވަސް ކުރީން ވިންބަލްޑަންގެ ފައިނަލަށް ދިއުމަށް ލިބުނު ފުރުޞަތު ގެއްލުނީ ވަރަށް ހަނިކޮށެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ވެކިޗް ބަލިވީ ފަހު ސެޓުގައި ޖޭޒްމީން ޕައޮލީނީ އަތުން ޓައި-ބްރޭކެއްގައެވެ.

ޓެނިހުގެ ފިރިހެނުންގެ ބްރޯންޒް މެޑެލް މެޗުގައި، އިޓަލީގެ ލޮރެންޒޯ މުސެޓީ ވަނީ ތިން ސެޓު ކުޅެގެން ކެނެޑާގެ ފެލިކްސް-އޯގާ އެލިއަސީމޭ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުން މުސެޓީ 6-4 އިން ކުރިހޯދާފައިވަނިކޮށް، ފެލިކްސް ވަނީ ފަސޭހަކަމާއެކު ދެވަނަ ސެޓުން 6-1 އިން މޮޅުވެފައެވެ. އޭގެފަހުން، ނަތީޖާ ނެރުމަށް ދެން ކުޅެވުނު ތިންވަނަ ސެޓުން މުސެޓީ މޮޅުވީ 6-3 އިންނެވެ.