ޚަބަރު

އެއަރޕޯޓުގައި "ސޭފްޓީ ވީކް" ފަށައިފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްކާތެރިކަމަށް ޙާއްސަކޮށްގެން ސޭފްޓީ ވީކްގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރ އެންޑް ސޭފްޓީ ޑިޕާޓްމަންޓުން އިސްނަގައިގެން މި މަހުގެ 22 އިން 26 އަށް ކުރިޔަށްގެންދާ ސޭފްޓީއަށް ޙާއްސަ ހަފްތާ ޝަރަފްވެރިކޮށްދެއްވާ ހަފްތާގެ ހަރަކާތްތައް ފައްޓަވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކެޓަރ އާދިލް މޫސާއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އާދިލް މޫސާ ވިދާޅުވީ ކުންފުނީގެ މައި އެއް ސިޔާސަތަކީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި، އެގޮތުން އަމާޒަކަށް ވާންވާނީ އެއަރޕޯޓުގައި ހިންގާ އެންމެހާ ހަރަކާތްތައް ހިންގުމުގެ ނިޒާމްތަކާއި އަދި މަސައްކަތްކުރުމުގެ ގޮތްތަކާއި، ހިންގާ ގޮތްތައް މެދުކެނޑުމެއް ނެތި ހަރުދަނާކުރުންކަމަށެވެ.

img:http://s3.psmnews.mv/images/660x400/14639081152512.jpg|ސެފްޓީ ވީކްގެ ތެރެއިން އެއަރޕޯޓުގެ މުވައްޒަފުން މެޑިކަލް ޗެކްއަޕް ހަދަނީ / ފޮޓޯ: ޕީއެސްއެމް

އެމްއޭސީއެލް ސޭފްޓީވީކް ފެށުމުގެ ގޮތުން މެނޭޖިންގ ޑިރެކްޓަރ އަދި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ މެޑިކަލް ޗެކްއަޕް ހައްދާފައެވެ. އެގޮތުން މެޑިކަލް ޗެކަޕް ހެދާފައިވަނީ ހެލްތް ޕުރޮޓެކްޝަން އެޖެންސީގެ އެހީތެރިކަމާއެކުއެވެ. މިޕްރޮގްރާމްގެ ދަށުން ހެލްތް ސްކްރީންކުރުމާއި ފަޔަރ ސޭފްޓީއާއި ޑެކް ސޭފްޓީގެ އިތުރުން ޕްރޮޕަރ ލިފްޓިންގ ޓެކެނިކްސްތަކާއި އޮކިޔުޕޭޝަނަލް ސޭފްޓީ ހެޒާރޑްސް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ކުންފުނީގެ އެކި ޑިޕަރޓްމަންޓްތަކުން އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.