ޚަބަރު

ޖަރުމަނުގެ ފޯވާޑް، ފުލްކްރޫގް ގަތުމަށް ވެސްޓް ހޭމުން އެއްބަސްވުމަކަށް


ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންއައި ޖަރުމަނުގެ ފޯވާޑް، ނިކްލަސް ފުލްކްރޫގްގެ ސޮއި ހޯދުމަށް ވެސްޓް ހޭމް ޔުނައިޓެޑުން އެ ކްލަބާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުން، ވެސްޓް ހޭމުން ވަނީ ފުލްކްރޫގް ގަތުމަށް ޑޯޓްމަންޑަށް 27 މިލިއަން ޕައުންޑް ދޭން އެއްބަސްވެފައެވެ.

ފުލްކްރޫގް، 31، ވަނީ ނިމިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް މަގާމް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ ވަނީ ޖަރުމަނުން ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމަށް ދެލަނޑުޖަހައިދީފައެވެ.

މިދިޔަ ސީޒަނަށް 12.6 މިލިއަން ޕައުންޑްގެ ޑީލެއްގައި ވާޑާ ބްރޭމަނުން ޑޯޓްމަންޑަށް ބަދަލުވެ، ފުލްކްރޫގް ވަނީ އެ ޓީމަށް ކުޅުނު 46 މެޗުގައި 15 ލަނޑުޖަހައިފައެވެ.

އައު ސީޒަނަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ވެސްޓް ހޭމުން ފޯވާޑެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން، އެސްޓަން ވިލާގެ ކޮލޮމްބިއާ ފޯވާޑް، ޖޯން ޑުރާން ހޯދުމަށް އެ ކްލަބާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ވެސްޓް ހޭމުން ވަނީ މިހާތަނަށްއައިއިރު ކުރީން ވުލްވްސްގެ ކެޕްޓަންކަންކުރި މެކްސް ކިލްމަން 40 މިލިއަން ޕައުންޑަށް، ޝެފީލްޑް ޔުނައިޓެޑްގެ ގޯލްކީޕަރ ވެސް ފޯޑެރިންގްހަމް އަދި ބްރެޒިލްގެ ވިންގް، ލުއިސް ގިލޭމާ 25.5 މިލިއަން ޕައުންޑަށް ޕަލްމެއިރާސް އިން ގެނެސްފައެވެ.

މީގެއިތުރުން، އައު ކޯޗު ހުލެން ލޮޕެޓީގްގެ ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމުން އިން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ފުލްބެކް، އާރޮން ވާން-ބިސަކާ އާއި ލީޑްސް ޔުނައިޓެޑްގެ ނެދަލެންޑްސް ފޯވާޑް، ކްރައިސެންސިއޯ ސަމަރވިލް ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.