އައްޑޫ ސިޓީ ހިތަދޫގައި ރޭގެ ވަގުތެއްގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ހިތަދޫގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމަށް މަގުކޮނެފައިވާ ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވަނީ ވެލި ފުންޏަކަށް އަރައިފައެވެ. މި ހާދިސާ ހިނގައިފައިވަނީ ރޭ 23:49 ހާއިރުކަމަށް މަޢުލޫމާތު ފުލުހުން ވިދާޅުވިއެވެ.
މި ޙާދިސާ ހިނގިވަގުތު އެ ސައިކަލު ދުއްވަން އިނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަށް އަނިޔާވެ މިވަގުތު އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ދަނި ފަރުވާދެމުންނެވެ. އަދި އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް ހޮސްޕިޓަލް އިން ވަނީ ފުލުހުންނަށް މައުލޫމާތުދީފައެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.