ޓްރެފިކް މައްސަލަތަކާ ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ޙައްގުގައި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެއްކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަތައް ޙަލުކުރުމަށް އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން ފެށީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮގަސްޓް 1ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަންފެށި "މާލެ ފަހި" ޕްރޮގްރާމާއެކު މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އެންމެ ބޮޑު މަސައްކަތެއްގޮތުގައި ފަށާފައިވަނީ ޤަވައިދާ ޚިލާފައި ވެހިކަލް ރެޖިސްޓްރީކޮށް ދުއްވުމާއި އަދި ޤަވައިދާ ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް ނަގައި އަޅަން ފަށާފައިވާ ފިޔަވަޅުތަކެވެ.
މީގެއިތުރުން، ނިމުނު ހަފްތާގެ ބުދަ ދުވަހު ހުޅުމާލޭގައި، ސައިކަލެއްގައި ކާރަކުންޖައްސައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އާއްމުންގެ ކަންބޮޑުވުން މި މައްސަލައިގައި ވަނީ ބޮޑުވެފައެވެ.
The traffic situation in Greater Male' region is making Greater Male' unliveable.
— Mohamed Ameen (@ameen3d) August 2, 2024
It is common knowledge that past Governments had normalised illegal garage letters, use of unregistered vehicles and using Male' and Hulhumale' roads as junkyards for vehicles.
There is no…
މާލޭގެ ޓްރެފިކް ޙާލަތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ މިހާރު އޮތީ، މާލޭގައި ދިރިއުޅެންވެސް ދަތިވާ މިންވަރަށްކަމަށެވެ. މި މައްސަލަ މިހާ ބޮޑަށް ގޯސްވެގެން ދިޔައީ ނިމުނު ސަރުކާރުގައި ޤަވާއިދުތަކުގެ ބޭރުން ވެހިކަލް ހުއްދަ ދޫކުރުމާއި ގަރާޖު ސިޓީ ދޫކުރުމުގައި އުސޫލުތަކާއި ޚިލާފުވެފައިވުމުންކަމަށް ވަޒީރު ތުޙުމަތުކުރެއްވިއެވެ. އޭގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ވެހިކަލްތައް ތޮއްޖެހި އަދި މަގުތަކަށް ދޫކޮށްލާފައިވާ ގިނަ އަދަދެއްގެ ވެހިކަލްތަކާއެކު މަގުތައް ކުނި ގޮނޑަކަށް ވެފައިވާ މައްޒަރު ފެންނަމުންދާކަމަށް އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަމައެކަނި އުސޫލެއް ހަދާލައިގެން ކަންކަން ޙައްލުވާ މިންވަރަށްވުރެ ޓްރެފިކް މައްސަލަ ބޮޑުވެފައިވާކަމަށެވެ. އޭގެ ބަދަލުގައި މައްސަލަ ޙައްލުކުރުމުގައި ޢަމަލީ ސިފަ ޖައްސައި، ހަރުދަނާ ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަޅާ ފިޔަވަޅުތަކަކީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅޭވޭނެ ގޮތެއް ހޯދައިދިނުމަށް ކޮންމެހެން އަޅަން ޖެހިފައިވާ ފިޔަވަޅުތަކެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާ ބެހޭ ވަޒީރު ވަނީ ޓްރެފިކް މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގައި މިހާރުވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާއިރު ރައްޔިތުންނާއި އަދި ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މާލެ ފަހި" ޕްރޮގްރާމް މިހާރުވަނީ އިފްތިތާޙްކޮށްފައެވެ. މިއީ ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.