މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅައިގެ އިވެންޓްގެ ކުއާޓާ ފައިނަލްގައި މި ގޭމްސްގެ ހޯސްޓް، ފްރާންސާއި ދެ ފަހަރު ރަން މެޑެލް ހާސިލްކޮށްފައިވާ އާޖެންޓީނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ފޯރި އިތުރަށް ގަދަވެއްޖެއެވެ.
ފްރާންސްގެ ބޯޑޯގައި ހުކުރު ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު އުފާ ފާޅުކުރުމުގެ ތެރެއިން ފްރާންސްގެ ކުޅުންތެރިންނަށް މަލާމާތްކޮށް، ނަސްލީ ގޮތުން ދިމާކޮށް އާޖެންޓީނާގެ ކުޅުންތެރިން ލަވަކިޔައި ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.
މިކަމާ ގުޅިގެން މި ދެ ޓީމުގެ ދެމެދުގައި އިހުނަށްވުރެ ބޮޑަށް ވާދަވެރިކަމާއި، ރުޅިވެރިކަން އިތުރުވެފައިވާ ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.
އޭގެ ތަންކޮޅެއް ކުރިއަށްޖެހިލާއިރު، އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވިފަހުން އެ ގައުމުގައި ސަޕޯޓަރުންނާއެކު ބޭއްވި އުފާކުރުންތަކުގައިވެސް އާޖެންޓީނާގެ ކުޅުންތެރިން ވަނީ ފްރާންސްގެ ކުޅުންތެރިންނާ ދިމާކުރުމުގެ ގޮތުން ލަވައެއް ކިޔާފައެވެ.
މިކަމުގެ ސަބަބުން މިއަހަރުގެ އޮލިމްޕިކްސްގައި އާޖެންޓީނާގެ ރަގްބީ ސެވަންސް ކުޅުންތެރިންނަށް ފްރާންސްގެ ސަޕޯޓަރުންގެ ފަރާތުން ކޮންމެ މެޗެއްގައިވެސް ހުތުރު އަޑުތައް އިއްވާ، މަލާމާތްކޮށްފައިވެއެވެ.
"ފަހަކަށްއައިސް ހިނގާފައިވާ ހުރިހާ ކަމަކާއެކު، ފްރާންސްގެ އެންމެންނަށްވެސް އޭގެ އަސަރުކުރި. އެހެންވީމާ ކުއާޓާ ފައިނަލްގައި ކިހިނެއްވާނެކަމެއް ބަލަން ޖެހޭނީ،" ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ކެޕްޓަންކަން ކުރި ޖީން-ފިލިޕް މަޓެޓާ ބުންޏެވެ.
ކުއާޓާ ފައިނަލްގައި އާޖެންޓީނާއާ ފްރާންސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.