ޚަބަރު

ހުޅުމާލޭގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި 2 މީހަކު ޝަރީޢަތް ނިމެންދެން ބަންދަށް


  • އެކްސިޑެންޓާ ގުޅިގެން 3 މީހަކުވަނީ ބަންދުކޮށްފައި

  • އެކަކުގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ 15 ދުވަހަށް

  • ޒަޚަމްވި މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުން

ހުޅުމާލޭގެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް ބަންދުކޮށް އަނެއް 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި 3 ފިރިހެނުންނެވެ. އެއީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ.

ފުލުހުން ވިދާޅުވީ މީގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔައީ ކްރިމިނަލް ކޯޓަށް ކަމަށާއި އެ ކޯޓުން އެ 2 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދުގެ މުއްދަތު ޖަހަން ހުޅުމާލެ ކޯޓަށް ހާޟިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ހުޅުމާލޭގައި ހިނގި މިއެކްސިޑެންޓްވި ކާރަކީ ބީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. މާލެސިޓީގައި ދުއްވުމުގެ ހުއްދަ އޮންނަނީ އޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރުތަކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި މިއެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މީހަކު އިށީދެއިން ސައިކަލެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޙާދިސާގައި ސައިކަލު މަތީގައި އިން މީހާއަށް އެކިވަރުގެ ޒަޚަމްތަކެއް ލިބިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އިތުރު ފަރުވާއަށްވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. ޒަޚަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓްވުމާއެކު އެންމެ ފުރަތަމަ ވަނީ އެ ސަރަޙައްދު ދޫކޮށް ފިލާފައެވެ. ނަމަވެސް ހައްޔަރުކުރި 3 މީހުންގެ ތެރޭގައި ކާރު ދުއްވަން އިން މީހާވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.