ޚަބަރު

އޮލިމްޕިކްސް: އެމެރިކާގެ ޕެއާ އަތުން ބަލިވެ، ނަޑާލް އާއި އަލްކަރާޒްގެ ޑަބަލްސް ޕެއާ ކަޓައިފި


މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓްގައި ރޭ ކުޅުނު ފިރިހެނުންގެ ޑަބަލްސް ކުއާޓާ ފައިނަލް މެޗުގައި އެމެރިކާގެ އޮސްޓިން ކްރަޖިޗެކް އާއި ރަޖީވް ރާމްގެ ޕެއާ އަތުން ބަލިވެ، ސްޕެއިނުގެ "ޑްރީމް ޓީމް" ރަފައެލް ނަޑާލް އާއި ކާލޯސް އަލްކަރާޒްގެ ޕެއާ މުބާރާތުން ކަޓައިފިއެވެ.

މިއާއެކު، 'ކްލޭ ކޯޓްގެ ރަސްގެފާނު' ގެ ނަމުން މަޝްހޫރުވެފައިވާ، ނަޑާލް، 38، އަށް މި ފަހަރުގެ ގޭމްސް މިވަނީ ނިންމާލަންޖެހިފައެވެ. އިއްޔެގެ ކުރީ ދުވަހު ކުޅުނު ސިންގަލްސް އިވެންޓްގައި ވާދަވެރި ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުން ނަޑާލް ބަލިވިއިރު، ކުއާޓާގައި ނަޑާލް އާއި އަލްކަރާޒްގެ ޑަބަލްސް ޕެއާ އަށް މިވަނީ މުބާރާތުން އަލްވަދާއު ކިޔަންޖެހިފައެވެ.

ފިލިޕް ޝެޓްރިއޭ ކޯޓްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ހަތަރުވަނަ އަށް ސީޑްކުރެވިފައިވާ އެމެރިކާގެ ޕެއާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެގޮތުން، ކްރަޖިޗެކް އާއި ރާމްގެ ޕެއާ ސެޓުތައް ކާމިޔާބުކުރީ 6-2، 6-4 އިންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓް ކުރިއަށްދިޔަ ރޯލަން ގަރޮސް އަކީ ނަޑާލް އަށް ޗެމްޕިއަންކަން ހޯދުމަށް އެންމެ ފަރިތަ، ފްރެންޗް އޯޕަން ކުޅެމުން އަންނަ ކްލޭ ކޯޓެވެ. އޭނާ ވަނީ އެ މުބާރާތް ރެކޯޑް 14 ފަހަރަށް ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އަލްކަރާޒް އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނަޑާލް ބުނީ، ފަހަރުގައި މިއީ އޭނާ އެންމެ ލޯބިވާ ޕެރިހުގެ ކްލޭ ކޯޓްގައި ކުޅޭ އެންމެ ފަހު މެޗު ކަމަށްވުން ވެސް ގާތް ކަމަށާއި، އެހެން އެކަން އެގޮތަށް ވެއްޖެނަމަ، މި ފަހަރުގެ ގޭމްސް އަކީ ވެސް ހަނދާނުން ފޮހެލަންދަތި، މުބާރާތެއް ކަމަށެވެ. އަދި މިފަހަރުގެ ގޭމްސްގައި ވެސް މެޗުތައް ކުޅެމުންދިޔައިރު އެންމެ ސިކުންތެއްގައިވެސް ސަޕޯޓަރުންގެ ފަރާތުން ދެމުންގެންދިޔަ ތަރުހީބަށް ކުޑަކޮށްވެސް ބަދަލެއްނައިސް ފުރިހަމަ އަށް ސަޕޯޓްދިން ކަމަށް ނަޑާލް ފާހަގަކުރިއެވެ.

ޓެނިހުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޖޮކޮވިޗްގެ އިތުރުން އަލްކަރާޒް އާއި ކެސްޕާ ރޫޑް އަދި 2020 ވަނަ އަހަރުގެ އޮލިމްޕިކް ޗެމްޕިއަން، އަލެކްސެންޑާ ޒްވެރޭވް އާއި ސްޓެފަނޯސް ސިޓްސިޕާސް ވަނީ ކުއާޓާ އަށް ދަތުރުކޮށްފައެވެ.

އަންހެނުންގެ ސިންގަލްސް އިވެންޓްގެ ނަތީޖާތަކަށް ބަލާއިރު، އެއްވަނަ ސީޑް، ޕޮލެންޑްގެ އިގާ ސްވިއާޓެކް އާއި ޗެކް ރިޕަބްލިކްގެ ކެރޮލީނާ ޝްމީޑްލޯވާގެ އިތުރުން ޗައިނާގެ ޒެން ކިންވެން އަދި ކްރޮއޭޝިއާގެ ޑޮނާ ވެކިޗް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ.