ވަޒީފާއާއިބެހޭ ޤާނޫނަށާއި ލާމާރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކަށް އިދިކޮޅު އެމްޑީޕީން ފާޑު ކިޔައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ، މި ދެ ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާހުތަކަކީ ކަންބޮޑުވާން ޖެހޭ އިސްލާހުތަކެއް ކަމަށެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަން މިހާރު ހުށަހަޅާފައިވާއިރު، މީގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާނެ ކަމަށް އެމްޑީޕީން ޤަބޫލު ކުރެއެވެ.
މީގެ އިތުރުން ވަޒީފާއާއި ބެހޭ ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ވަޒީރަށް ބޮޑެތި ބާރުތައް ދޭ ކަމަށް ބުނެ އިދިކޮޅު ޕާޓީން ވަނީ ފާޑުކިޔާފައެވެ.
އެމްޑީޕީން މި ދެ ޤާނޫނަށް ގެންނަ އިސްލާހުތަކަށް ފާޑު ވިދާޅުވެފައިވާއިރު، އެމްޑީޕީ ވެރިކަމުގައި ލާމަރުކަޒީ ޤާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކެއް ގެނައިނަމަވެސް އެކަންކަން ތަންފީޒު ނުވާކަމުގެ ޝަކުވާތައް ކައުންސިލްތަކުން ދިޔައީ ކުރަމުންނެވެ. ސަރުކާރު ބަދަލުވެ، ކައުންސިލްތަކުގެ ކަންކަން ތަންފީޒު ކުރުމަށް ވަކި ވުޒާރާއެއް އުފައްދަވައި، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅު ރަށެއް ދިނުމަށް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ގެނެސް ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ މީގެ ކުރިން އެއްވެސް ވެރިކަމެއްގައި އަޅަން ނުކުރުނު ފިޔަވަޅުތަކެއް ގޮތުގައި ބަޔަކު ފާހަގަކުރެއެވެ.