މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ހުނަރުވެރި ވިންގް، ޖެކް ގްރީލިޝް ވަނީ، އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސިވިލާތުގެ ސްކޮޑުން ޖާގަ ނުލިބުމަކީ ކެރިއަރުގައި މިހާތަނަށް ކުރިމަތިލީ އެންމެ ހިތްދަތި ތަޖުރިބާ ކަމަށް ބުނެފައެވެ.
ގްރީލިޝް، 28، ބުނީ، އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވި ކަމަށާއި، މި ތަޖުރިބާގެ ބޭނުންހިފައިގެން ރަނގަޅު މޯޓިވޭޝަނެއްގެ ގޮތުގައި ކުރިއަށްދާން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"ތެދުތެދަށް ބުނަންޏާ، އަހަރެންގެ އަމިއްލަ ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ ކަމަކީ މިއީ." މިހާތަނަށް އިންގްލެންޑަށް 36 މެޗު ކުޅެފައިވާ ގްރީލިޝް ބުންޏެވެ.
"ޗުއްޓީގައި އުޅުނުއިރު ކޮންމެ ފަހަރަކު ފޯނު ނުވަތަ ޓީވީ ހުޅުވާލާއިރު އެ މުބާރާތުގެ ކޮންމެވެސް ކަމެއް މި ފެންނަނީ، އެހެންވީމާ އެ ނުބަލާ ހުރުން ވީ ވަރަށް އުނދަގޫ ކަމަކަށް،" އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދެއްކި ގްރީލިޝް ބުންޏެވެ.
ޔޫރޯ ފެށެން ހަފްތާއެއްހާ ދުވަސް ކުރިން، ސެއިންޓް ޖޭމްސް ޕާކްގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ކުޅެ 3-0 އިން އިންގްލެންޑް މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ގްރީލިޝް ފެނިގެންދިޔައެވެ. އެހެންނަމަވެސް، އޭރުގެ ކޯޗު، ގަރެތު ސައުތުގޭޓްގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި އޭނާ ހިމެނިފައެއް ނުވެއެވެ.
މިހާރު ސިޓީ އާއެކު އެމެރިކާގައި ޕްރީ-ސީޒަން ޓުއާގައި ހުރި ގްރީލިޝް ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި އިންގްލެންޑްގެ ސްކޮޑުގައި ހިމެނެންޖެހޭނެ ކަމަށެވެ. އެއީ އިނގިރޭސި ސްކޮޑުގައި ދެން ތިބި ކުޅުންތެރިންނާ ތަފާތު އެތައް ކަމެއް އޭނާ އަށް ދަނޑުމަތީގައި ދެއްކޭނެތީވެ ކަމަށް ގްރީލިޝް ފާހަގަކުރިއެވެ.
މީގެ ތިން އަހަރު ކުރީގެ ފައިނަލެކޭ އެއްގޮތަށް މިފަހަރުގެ ޔޫރޯ ފައިނަލްގައިވެސް އިނގިރޭސީންނަށް ކުރިމަތިވީ ނާކާމިޔާބީއެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވާންދަނިކޮށް ސްޕެއިނުން ވައްދާލި ލަނޑާއެކު، އިންގްލެންޑް ބަލިވީ 2-1 އިންނެވެ.
ގްރީލިޝްގެ މިހާރުގެ ކްލަބު ސިޓީއަށް ބަދަލުވީ، 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ވިލާއިން އިނގިރޭސި ރެކޯޑް ފީ އެއް ކަމަށްވާ، 100 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. އޭނާ ވަނީ ސިޓީ އަށް މިހާތަނަށް ކުޅެދިން 125 މެޗުގައި 14 ލަނޑުޖަހައި، އިތުރު 18 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.